އޭނާ ދަނޑުވެރިކަމަށް ހިތްޖެހުނީ މާމައާ އެކީ ރުއް އިންދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން. ބޮޑުވަމުން އައިއިރު އާއިލާ ތެރެއިން ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ވަނީ ވަރަށް ބޮޑަށް ދަސްވެފައި. ގުދުރަތީ ގޮތުން ގަސް އެތުރިފައިވާ ގޮތާއި، ބިމުގެ ތެއްކަމާއި ބިމަށް އަންނަ ބަދަލުތަކަށް ވިސްނައި، ދިރާސާ ކުރުމަކީ އަބަދުވެސް އޭނާ ޝައުގުވެރިވާ ކަމެއް. އެ ޝައުގުވެރިކަން އޭނާ އެތަައް ހަރުފަތެއް ކުރިއަށް ގެންދިޔަ. ގަސް ހެއްދުމުގައި ބިންގަނޑަށް ގެނެވޭ ބަދަލެއްގެ ސަބަބުން ސިއްހަތަށް ނުރައްކާ ވާނެކަން ބުނެދީ، މީހުން ހޭލުންތެރިކުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ދެކޭ. އޭގެ އިތުރުން ގުދުރަތީ ގަސް ކާނާ ތައްޔާރު ކުރުމާއި ބޭނުން ކުރުމަށް ވެސް އޭނާ ގެންދަނީ ބާރުއަޅަމުން. އޭނާއަކީ ދަނޑުވެރިކަމުގެ އިތުރުން ލޭންޑްސްކޭޕް ހެދުމަށް ލަފާދޭ މާހިރެއް.

މިއީ މުޅިން ތަފާތު ދަނޑުވެރިއެކެވެ. ތަންކޮޅެއް ތަފުސީލްކޮށް މި ދަނޑުވެރިޔާގެ ވާހަކަ ކިޔައިދޭނަމެވެ. އޭނާ ދަނޑުވެރިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން، އެ މަސައްކަތުގައި ހުރި އެންމެ ފައިދާ ހުރި ގޮތާއި މަންފާ ލިބެންހުރި ގޮތް ގޮތް އަމިއްލައަށް ބަލައި ދިރާސާކުރުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް ބުނެ އެވެ.

ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުން ބިމަށާއި ގަސްތަކަށް އަދި އިންސާނުންގެ ސިއްހަތަށް ފައިދާ ކުރެ އެވެ. އެހެން ނަމަވެސް އެފަދަ ދަނޑުވެރިކަމެއް ކުރުމަށް ހޭދަކުރަން ޖެހޭ ވަގުތު ގިނަ އެވެ. ގިނަ ވިސްނުންތަކެއް ވިސްނަން ޖެހެ އެވެ. ދިމާވާ ގޮންޖެހުންތައް ވެސް ގިނަ އެވެ. މިކަަމަށް އޭނާއަކީ އެތައް މަސައްކަތެއް ކުރަމުންނެވެ.

މިއީ ގދ. ފަރެސް މާތޮޑާއަށް އުފަން މުހައްމަދު ނިޔާޒު (ނިޔާ) ދަނޑުވެރިކަން ކުރާ ގޮތުގެ ވާހަކަ އެވެ. އޭނާ އަކީ މިހާރު ދަނޑުވެރިކަމުގެ ދާއިރާއިން ލަފާދޭ މަޝްހޫރު ކޮންސަލްޓަންޓެކެވެ. އެހެން ނަމަވެސް އަމަލީ ގޮތުން ދަނޑަށް ގޮސް ދަނޑުވެރިކަން ކުރުމަކީ އޭނާ އެންމެ ޝައުގުވެރިވާ މަސައްކަތެވެ.

އޭނާގެ އެންމެ ދުރު ހަނދާނަކީ އުމުރުން 7 ނުވަތަ 8 އަހަރުގައި އޭނާގެ މުންނާ (މާމަ) އާއެކު، އާއިލީ ގޮތުން ވާރުތަވެފައިވާ ރުއް ދަނޑެއްގައި، ރުއް އާލާ ކުރުމަށް ކުރި މަސައްކަތެވެ. މުންނާ އިންދާ ރުއްތަކުން މޫ ފައިބާތޯ ބެލުމަކީ އޭރު އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރި މަސައްކަތެވެ. އެކަން އޭގެ އަހަރުތަކެއްގެ ފަހުން ބަލި އެނދުގައި އޮވެ، މުންނާ ހަނދާންކޮށްދޭ ކަމަށް ނިޔާ ބުންޏެވެ.

ނިޔާޒް ވަރަށް ގާތުން ގަހުގެ ހާލަތު ދެނެގަންނަނީ: ދަނޑުވެރިކަމުގައި ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭ

ނިޔާއަށް ކާބަފައިންގެ ފަރާތުން ދަނޑުވެރިކަން ވަރަށް ބޮޑަށް ދަސްވެފައިވެ އެވެ. އޭނާ ބޮޑުވެގެން އައިއިރު ގޭދޮށާއި މޫދު ކައިރީގައި ގަސްއިންދުމުގެ މަސައްކަތް އަމަލީ ގޮތުން ކުރެއްވި އެވެ. އެ ދުވަސްވަރު އޭނާއަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ ގުދުރަތީ ގޮތުން ވަކި ތަރުތީބަކުން ގަސް ހެދިފައި ހުންނަ ކަމެވެ.

ދަނޑު ހެއްދުމަށް ބިން ތައްޔާރު ކުރަނީ: ކެމިކަލް ބޭނުން ކުރުމުން ބިމުގެ ގުދުރަތީ ހަމަތަކަށް ބަދަލު އަންނާނެކަމާއި އެކަމުން ސިއްހަތައް ނުރައްކާވާނެކަން ބުނެދޭ

ދަނޑުވެރިކަމުގެ އިތުރުން އޭނާއަކީ "ލޭންޑް ސްކޭޕިން" (ޕާކް ޑިޒައިން ކުރުން)ގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ޑިޒައިނަރެކެވެ. ގޮނޑުދޮށުގައި ގަސް ހެދިފައި ހުންނަ ތަރުތީބަކީ ލޭންޑްސްކޭޕް މަސައްކަތުގައި އޭނާ ބޭނުންކުރާ ތަރުތީބެވެ.

"ގޮނޑުދޮށުގައި ގަސް ހެދޭ ތަރުތީބަށް ބަލާލާއިރު މިފެންނަނީ ބީޗް މޯނިން ގްލޯރީ ނުވަތަ ތަނބުރުން އެއަށްފަހު މަގޫ ދެން ކަށިކެޔޮ. މިކަހަލަ ގޮތަކަށް މިހުންނަނީ. އަޅުގަނޑުގެ މަސައްކަތް ފުރިހަމަވެފައި ރީތީ އެ ގުދުރަތީ ހަމަ ގެންގުޅުމުން ކަމުގައި ގަބޫލުކުރަން،" ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއްސަ ކުންފުންޏެއް ކަމަށްވާ "ކެއާ އެގްރިކަލްޗަރަލް މޯލްޑިވްސް"ގެ ފައުންޑާ ނިޔާ ބުންޏެވެ.

ނިޔާޒު މޭބިސްކަދުރު ދަނޑެއްގައި މަސައްކަތް ކުރަނީ: ކެމިކަލް ބޭނުން ނުކޮށް ދަނޑު ހެއްދުމަށް އިރުޝާދު ދޭ

ގަސް ހައްދަނީ ބިންގަނޑު ތަހުލީލު ކުރުމަށް ފަހު

ނިޔާ ބުނިގޮތުގައި މޫދުވިނަ އާއި ހިކި ފަތް އެއްކޮށްގެން، ގުދުރަތީ ގަސްކާނާ އުފެއްދިދާނެ އެވެ. އޭގެން ބިމަށް ތެތްކަމާއި އަދި ގުދުރަތީ ޕީއެޗް(ބިމުގެ އެސިޑްގެ ހަމަހަމަކަން) ހިފަހައްޓައިދޭނެ އެވެ. މިގޮތަށް ކަންތައް ކުރެވޭނަމަ ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތެރިކަން ކުރިއަރާނެ އެވެ.

"އަޅުގަނޑުގެ މަސައްކަތުގައި ރިސާޗް ހަދަން. ގުދުރަތީ ގޮތުން ބިމުއަޑީގައިވާ މާއްދާތައް ވަނީ ތަރުތީބުކުރެވިފައި. ވަކި ހަމައެއްގައި. ވީމާ ދަނޑު ހައްދަން ބިމަށް ކެމިކަލް އަޅާކަށް ނުޖެހޭނެ. ބިމުގައިވާ މިނަރަލްސް މިސާލަކަށް ނައިޓްރޮޖަން، އެމޯނިއަމް، ފޮސްފަރަސް، ކެލްސިއަމް އަދި ޕޮޓޭސިއަމް ހިމެނޭ މިންވަރަށް ބަދަލު އެބައާދޭ އަޅުގަނޑުމެން ބިމަށް އެއްޗެހި އެއްކުރުމުން. އޭރު އެ އެބަ ބަދަލުވޭ ގެންލުން ދެނިވި ކެމިކަލްސްއަށް. ނަތީޖާއަކީ އިންސާނުންނަށް ގެއްލުން ލިބުން،" ސްކޫލްތަކަށާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ދަނޑުވެރިކަމުގެ ސެޝަން ނަގައިދޭ ތަޖުރިބާކާރު ދަނޑުވެރިޔާ ނިޔާ ބުންޏެވެ.

ނިޔާޒް ދަނޑެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން: މޫދުވިނައާއި ހިކިފަތް އެއްކޮށްގެން ގަސްކާނާ އުފެއްދުމުން، ދަނޑުވެރިކަމުން ފައިދާ ކުރާނެކަމަށް ގަބޫލު ކުރޭ

ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ކެމިކަލް ބޭނުންކުރުމަކީ އާންމުކަމެއް ކަމުގައި އޭނާ ފާހަގަ ކުރެ އެވެ. އޭގެ ސަބަބުން ދިވެހިންގެ ސިއްހަތަށް ގެއްލުން ލިބޭނެ ކަމާ މެދު އޭނާ ދެބަހެއް ނުވެ އެވެ. ސިއްހަތަށް ލިބޭ ގެއްލުމުގެ އިތުރުން އެކަމަކީ ބޭކާރު ހޭދައެއް ކަމަށް އޭނާ ބުންޏެވެ.

"ސަސްޓެއިނަބަލް އޯގޭނިކް ފާމިން (ދެމެހެއްޓެނިވި ދަނޑުވެރިކަން )އަކަށް ދާން ވަރަށް ދަތި، އެހާ އުނދަގޫ. ކެމިކަލް ޕެސްޓިސައިޑް ބޭނުންކޮށްގެން ނުވާނޭ މިދަންނަވަނީ. ޑަބްލިއުއެޗްއޯއިން މަނާކޮށްފައިވާ ކެމިކަލް ދިވެހި ދަނޑުތަކުގައި އެބަ ބޭނުންކުރޭ. ރާއްޖޭގައި މި ބޭނުންކުރެވޭ ރިހާކުރު ބޭހަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ބޭނުންކުރެވޭ އެއްޗެއް ނޫން. އެކަން ރެގިއުލޭޓް ކުރެވެން ޖެހޭނެ،" ނިޔާޒްގެ ކަންބޮޑުވުމެއް ހިއްސާކުރި އެވެ.

ސަސްޓެއިނަބަލް އޯގޭނިކް ފާމިން (ދެމެހެއްޓެނިވި ދަނޑުވެރިކަން )އަކަށް ދާން ވަރަށް ދަތި، އެހާ އުނދަގޫ. ކެމިކަލް ޕެސްޓިސައިޑް ބޭނުންކޮށްގެން ނުވާނޭ މިދަންނަވަނީ. ޑަބްލިއުއެޗްއޯއިން މަނާކޮށްފައިވާ ކެމިކަލް ދިވެހި ދަނޑުތަކުގައި އެބަ ބޭނުންކުރޭ. ރާއްޖޭގައި މި ބޭނުންކުރެވޭ ރިހާކުރު ބޭހަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ބޭނުންކުރެވޭ އެއްޗެއް ނޫން. އެކަން ރެގިއުލޭޓް ކުރެވެން ޖެހޭނެ،
ނިޔާޒް
ސްކޫލް ކުދިންނަށް މައުލޫމާތު ދެއްވަނީ: މުސްތަގްބަލުގައި ފައިދާހުރި ދަނޑުވެރިކަން ކުރުމަށް ކުދިބޮޑު އެންމެން ހޭލުންތެރިވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ

ދަނޑުވެރިކަމާއި ލޭންޑް ސްކޭޕިންގައި ރާއްޖޭގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް

ނިޔާ ރަސްމީ ހައިސިއްޔަތެއްގައި ދަނޑުވެރިކަމާއި، ލޭންޑްސްކޭޕިންގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ 2021 ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި އޭނާގެ ލަފަޔާއި މަޝްވަރާގެ މަތިން ގިނަ މަސައްކަތްތަކެއް ވަނީ ރާއްވާ ހިންގައިފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ މަސަކަތްކަތްތަކެއް ކުރެވިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ބ. ވައްކަރު އަދި ގދ. ކޮނޮއްޓާގެ ލޭންޑް ސްކޭޕިންއާއި ރ. ފުރަވެރީގެ ލޭންޑްސްކޭޕިން އަދި އެ ރަށުގެ ޝެފް ގާޑްން، ފަޅޯ ދަނޑާއި އަދި ދޮންކެޔޮ ފީނި ތައްޔާރުކޮށްދިނުމުގަ އެވެ.

ނިޔާޒް ބިންސާފު ކުރުމުގެ މަސައްކަތުގައި:ލޭންޑްސްކޭޕް މަސައްކަތުގައި ގޮނޑުދޮށުގައި ގަސްހެދޭ ހަމަ ބޭނުންކުރެއްވުމަކީ އޭނާގެ މަސައްކަތް ރީތިވެފައި ފުރިހަމަވާ ސަބަބު ކަމުގައި ގަބޫލު ކުރޭ

ހުޅުމާލެ ފޭސް 1ގެ ސްކޭޓް ޕާކަކީ ވެސް ނިޔާޒު ލޭންޑްސްކޭޕިން ހައްދަވާފައިވާ ތަނެކެވެ. މީގެ އިތުރުން ކަޅުވަކަރު މިސްކިތުގެ ގޯތި ތެރޭގައިވާ ލޭންޑްސްކޭޕާއި، ބައެއް ރިޒޯޓްތަކާއި އަދި ސަން ޝިޔާމްގެ ރިސޯޓްތަކުގެ ގިނަ ދަނޑުތަކަކީ ވެސް އޭނާގެ ބެލުމުގެ ދަށުން ހައްދާ ދަނޑުތަކެވެ.

"ހުޅުމާލެ ސްކޭޓްޕާކްގައި އިށީނީމަ ސިފަވެގެންދާނެ ރާޅެއް ބިންދާލާ މަންޒަރު. ލެގޫން (މޫދުގައި)ގައި ހުންނާނެ ޑިވައިޑްވެފައި (ދެބައިވެފައި) ހުންނަ ރާޅު. އެ ރާޅުގައި ހުންނަ ބަންޕް (އުފުލިފައި) ހުންނަ ގޮތަށް އިންނާނީ ހުޅުމާލޭގެ ސްކޭޓްޕާކުގެ އަނެއް ފަރާތުގައި އިންނަ ސްޓޭޖުން ފެށިގެން އެއްގަމަށް ބަލައިލީމައި. މޫދަށް ބަލާލީމައި ވެސް ފެންނާނީ ހަމަ އެ މަންޒަރު ގޮނޑުދޮށުން. އެއްގަމަށް ބަލައިލީމައި ފެންނާނީ އެ މަންޒަރު ވިނަގަނޑުންނާއި ލޭންޑްސްކޭޕުން. އެއީ އެ ލޭންޑްސްކޭޕަކީ،" މަސައްކަތުގައި ރިސާޗްގެ ބޭނުން ކުރާ ނިޔާ ބުންޏެވެ.

ދަނޑުވެރިންނަށް މަސައްކަތުގެ ލަފަޔާއި އިރުޝާދު ދެނީ: ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ދަނޑުވެރިކަމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތަކެއް ކޮށްފައިވޭ

ނިއުޓްރި ލިންކް: ނިޔާ އުފެއްދި މޮޅު އެޕެއް

ނިޔާޒުގެ މަސައްކަތް އެންމެބޮޑަށް މީހުންނަށް ފެނިގެންދާނެ އެއްޗަކީ އޭނާ އުފައްދާ އެޕުން ކަމަށް ބުންޏެވެ. މި އެޕަށް އޭނާ ދީފައިވާ ނަމަކީ "ނިއުޓްރި ލިންކް" އެވެ. އެ އެޕް އުފެއްދުމުގެ މައިގަނޑު މަގްސަދެއް ކަމުގައި ވަނީ ދަނޑުވެރިކަމުގެ ސްޓޭންޑާޑް (މިންގަނޑެއް) ހިފެހެއްޓުމެވެ.

ދަނޑުހެއްދުމާއި ބެހޭގޮތުން ލަފަޔާއި އިރުޝާދު ދެނީ: ދަނޑުވެރިކަމުގައި ގެންލުންދެނިވި މާއްދާތަށް އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް އޭނާ ނަސޭހަތްތެރިވޭ

އެ އެޕަށް ވަނުމުން އޭނާގެ މަސައްކަތް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ނިޔާޒް ބުންޏެވެ. މިސާލަކަށް އެ މީހަކު ބޭނުންވާ މޭވާ ނުވަތަ ތަރުކާރީއެއް ހެއްދުމަށް އެޅި ގަސްކާނާގެ މައުލޫމާތާއި، އެ ގަހެއް ހެއްދި ބިންގަނޑުގެ ޕީއެޗް ހުރި މިންވަރާއި، ޖުމްލަކޮށް ކާން ބޭނުންވި މޭވާ ނުވަތަ ތަރުކާރީ ހެއްދިފައި ހުރި ކޮލިޓީ ސާފުވާނެ އެވެ.

ނިޔާގެ އެޕްގެ މަސައްކަތް އަދި މުޅިން ނުނިމެ އެވެ. އެ އެޕްގެ މަސައްކަތް ނިމުމުން ރާއްޖޭގެ ދަނޑުވެރިކަމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ނިޔާޒު ފުރިހަމަ ކުރާ ލޭންޑްސްކޭޕްގެ މަސައްކަތެއް: މަސްއްކަތުގައި ގުދުރަތީ ހަމަ ގެންގުޅުމަށް ލޯބިކުރޭ

ނިއުޓްރި ލިނަކް އެޕް ވޫޖޫދު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި މިހާރު ކުރަމުން އަންނަ ކަމަކީ ޓެކްނިކަލް ބޭފުޅުންނާއި މަޝަވަރާކޮށް އެޕަށް ބޭނުންވާ ސެންސާސް އަދި ޑްރޯންސް އުފެއްދުމުގެ މަސައްކަތެވެ.

ނިޔާގެ ދަނޑުވެރިކަމުގެ މަސައްކަތަށް ނިމުމެއް ނުވެ އެވެ. ދަނޑުވެރިކަަމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި އެ ގެންދަނީ ސާބިތުވެ ހުރެ ގިނަ މަސައްކަތްތަކެއް ކުރަވަމުނެވެ. މުންނާއާއެކު ފެށުނު ދަނޑުވެރިކަމުން އެހެން މީހުންނަށް ވެސް ނަފާހޯދައި ދިނުމުގެ އަޒުމުގަ އެވެ.