އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން އިންތިޒާމުކޮށްގެން ސަރުކާރާއި ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާފައި ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށްކަން އެނގިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން ރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން ވާހަކަ ދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނީ ކުށެއް ކޮށްގެން ނޫން ކަމަށާއި އެ މީހުން ހައްޔަރުކޮށްފައި ވަނީ މި އަނިޔާވެރި ސަރުކާރުން ގައުމުގެ މުޅި ނިޒާމް އެއްކޮށް ފުނޑާލާފައިވާތީ އެކަމާއި ދެކޮޅަށް ހައްގުބަސް ބުނުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މުޒާހަރާގެ އެންމެ ކުރީގައި ހުރީ އޭނާ ކަމަށާއި އެތަނުގައި އެރޭ ހިނގި ހުރިހާ ކަމެއް ވަރަށް ގާތުން ފެނުނު ކަމަށެވެ. އަދި އެތަނުގައި އެއްވެސް މީހަކު ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ނުކުރާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެގޮތުން މާފުށީ ކައުންސިލް ގެ ރައީސް ސަލާހު ވެސް ހުންނެވީ ވަރަށް ގާތުގައި ކަމަށާއި އެބޭފުޅާ ވެސް ހައްޔަރުކޮށް އިނގިލި ބިންދާލައި އަނިޔާވެރިކަމާއެކު ހައްޔަރުކުރަން ޖެހޭ ފަދަ އެއްވެސް އަމަލެއް ކޮށްފައި ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާގެ ތެރެއިން އެއްވެސް ކުށަކާއި ނުލައި އަނިޔާވެރިކަމާއެކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަސް ޖަހްނަ ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މުޒާހަރާކޮށްގެން ހައްޔަރުކުރާ މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުން ބޮޑެތި ކުށްވެރިންނަށް ހަދައިގެން ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާފައި ވަނީ ގާޒީންގެ މިނިވަންކަން ގެއްލިފައިވާތީ މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ހައްޔަރީންނަށް ބަންދުގެ މުއްދަތު 15 ދުވަސް ޖަހާފައިވަނީ ސީދާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް ކަމަށް މި މައްސަލައިގައި އުޅުނު އައިއޯއަކު ބުނެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިނިސްޓަރު އިހުސާނަށް އެގޮތަށް އެންގެނީ ވެސް ނިޒާމް ފުނޑާލކާފައިވާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"މުޒާހަރާކޮށްގެން ހައްޔަރުކުރާ މީހުންނަކީ ކުށްވެރިން ނޫން. ނިޒާމް ފުނޑާލީމާ ހައްޔަރުކުރެވުނީ. ބަންދަށް 15 ދުވަސް ޖެހީ ގާޒީންގެ މިނިވަން ގެއްލުނީމާ. އަޅުގަޑު ކައިރީގާ ހަމަ މި މައްސަލައިގައި އުޅުނު، ހައްޔަރީންގެ ތެރޭގައި ހިމެނޭ އައިއޯޔޫ އެއް ދެންނެވި ވާހަކައެއް، އަޅުގަނޑު ކައިރި މީހަކު ބުނީ ސީދާ 15 ދުވަސް ޖަހަން އެންގީ ހޯމް މިނިސްޓަރ އިހުސާން ކަމަށް. ނިޒާމް ފުނޑާލީމާ އިހުސާނަށް އެހެން އެންގެނީ." އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ނިޒާމް ރަނގަޅަށް އޮތް ނަމަ މިނިސްޓަރު އިހުސާން އެފަދައިން ޣައިރު ގާނޫނީ އެންގުމެއް އެންގި ނަމަ ވެސް ފަނޑިޔާރުން ނުބައްލަވާނޭ ކަމަށެވެ. އެފަދައިން ކަންކަން ވެގެން މިދަނީ ނިޒާމް އެއްކޮށް ފުނޑިފައި އޮތީމައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުންނަކީ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި އަލީ ޖުމާން އަދި އަޒްމީ އަލީގެ އިތުރުން ހަސަން ޝާކިރު އެވެ.
މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.