ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" އާއި އުރީދޫ ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފު ކުރަން ނިންމައިފި އެވެ.
ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.
ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕޭޕަލްގެ ޚިދުމަތް ދިނުމަށް އެ ދެ ކުންފުނީގެ ޕާޓްނާޝިޕްގެ ތަފްސީލް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. 2026 ވަނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕަލްގެ ޚިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކު ވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް ވިޔަފާރިކޮށް، ޕޭޕަލް އަދި އެމް ފައިސާ އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ،" އުރީދޫން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. "މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއީ ދިވެހިރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް."
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އުރީދޫ ފިންޓެކް އާއި ޕޭޕަލްގެ ޕާޓްނަޝިޕާއެކު ޕޭޕަލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާއި ލިންކްވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި، ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް ރާއްޖޭގައި ތިބެގެން ލިބުން ކަމަށެވެ.
"މި އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުފަހި ކުރުމުގެ ގޮތުން، ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހު ފަށައިފަ އެވެ.