ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދުގެ މައްސަލަ ނުބަލައި އޭނާގެ ޗުއްޓީ އެޕްރޫވްކޮށްފައިވާތީ ފުލުހުންގެ ތެރޭގައި ބޮޑެތި ނުތަނަވަސްވުންތަކެއް އުފެދިއްޖެ އެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އެކުލަވާލި ހާއްސަ ސަބް ކޮމިޓީގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ދާއޫދަށް އަމާޒުކުރެވޭ ސަބަބުތައް ހާމަކުރައްވާފަ އެވެ.

އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާއިރު، އޭނާގެ ހިއްސާ އޮންނަ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ފުލުހުންގެ ބައެއް އިސް އޮފިޝަލުން "ހުރިހާ"އަށް ކިޔައިދިންގޮތުގައި ފުލުހެއްގެ އެކައުންޓަށް އެއްވެސް ވިޔަފާރިއަކާ ނުލައި އެހާ ގިނަ އަދަދެއްގެ ފައިސާ ވަނުމަކީ ސުވާލު އުފެދޭ ކަމަކަށްވާއިރު، އެ މައްސަލަ ތަހުގީގު ކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންވެ، ގިނަ އޮފިސަރުންގެ މެދުގައި ބޮޑެތި ނުތަނަވަސްވުންތަކެއް އުފެދިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލުން ބުންޏެވެ.

"މިވަރުގެ ބޮޑު ތުހުމަތެއް ފުލުހުންގެ ވެރިޔަކާ ގުޅޭގޮތުން ކުރެވުނުއިރު، އެ މައްސަލަ ތަހުގީގު ކުރާކަށް އަދިވެސް ނުފަށާ. އެކަމަކު އާދައިގެ ފުލުހަކާ ގުޅޭގޮތުން ކަމެއް ފާހަގަވެއްޖެނަމަ މީގެކުރިން އެބަހުރި ވަގުތުން ސަސްޕެންޑުކޮށް މައްސަލަ ބަލައި ފިޔަވަޅު އަޅާފައި،" އޭނާ ކިޔައިދިނެވެ.

ވިޔަފާރިއެއް ނެތި އެހާ ގިނަ އަދަދެއްގެ ފައިސާ އެކައުންޓަށް ވަނުމަކީ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ތަހުގީގު ކުރެވެންޖެހޭ ކަމަކަށްވާއިރު، އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް "ހުރިހާ"އާ ވާހަކަދެއްކި ފުލުހުންގެ އިސް އޮފިޝަލުން ކިޔައިދިނެވެ.

އެ މައްސަލަ ނޫސްތަކުގެ ފަލަ ސުރުހީ ތަކަށް އަރައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ދާއޫދު ވަނީ އިއްޔެ ހަވީރު ކުއްލިގޮތަކަށް ޗުއްޓީއަށް އެދިފަ އެވެ. އަދި ޗުއްޓީ ވަގުތުން ހަމަޖެއްސި އެވެ. އޭނާ އަކީ ހުޅުމާލޭ ޕޮލިސްގެ ވެރިޔާ އެވެ. ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ހިންގުން އޭސީޕީ އަހްމަދު މުހައްމަދު (ޓޫފޯ) އާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ކޮރަޕްޝަންގެ މައްސަލަ ބަލަން ފުލުހުން ފަށާފައިނުވާއިރު، ދެން ފެނުނީ ލޯފާމަކުން ދާއޫދުގެ ދިފާއުގައި ބަޔާނެއް ނެރުނު ތަނެވެ. އަދި އަމިއްލައަށް ފުލުހުންގެ ޕްރޮފެޝަނަަލް ސްޓޭންޑަޑް ކޮމާންޑަށް މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅި އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ފުލުހުންގެ އިސް އޮފިޝަލުން ކިޔައިދިންގޮތުގައި އަމިއްލައަށް އެތަނަށް މައްސަލަ ހުށަހެޅީ ވެސް އޭނާގެ ކުށެއް ނެތް ކަމުގެ ލިޔުމެއް ހޯދުމުގެ ބޭނުމުގަ އެވެ. އަދި އެތަނުގެ ވެރިޔަކަށް ހުންނެވީ ވެސް ދާއޫދުގެ ވަރަށް ގާތް ބޭފުޅެއް ކަމަށް ފުލުހުންގެ އިސް އޮފިޝަލުން ކިޔައިދިނެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްގެ ވެރިޔަކަށް ހުރީ އޭސީޕީ އަހްމަދު މުހައްމަދު އެވެ. މިއީ އަދި ޓޫފޯއެއް ނޫނެވެ. އަހްމަދު މުހައްމަދު ކިޔާ އެހެން ބޭފުޅެކެވެ.

"ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރީމަ ސާފުވާނެ ދާއޫދަށް ނުހައްގުން ފައިސާ ލިބުނު ގޮތާއި، ފުލުހެއްގެ ކިބައިގައި ހުރުން ލާޒިމް ނަޒާހާތްތެރިކަން އޭނާގެ ނެތްކަން. އެކަމަމު މައްސަލަ ތަހުގީގުނުކޮށް ދާއޫދުގެ ދިފާއުގައި އެކަނި ބަސް ބުނަން ޖާގަދީ، އޭނާ އަކީ ކުށެއް ނެތް މައުސޫމް މީހަކަށް ހަދަން އެ އުޅެނީ،" އޭނާ ކިޔައިދިނެވެ.

މއ. ތަޅަމުދިގޭ 10 ބުރިއަށް އިމާރާތްކުރަން ވެސް ދާއޫދު އިންވެސްޓްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ނާޒިމް ވިދާޅުވި އެވެ. އެގޮތުން، ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ހަސަން ހަބީބާއި ދާއޫދު ބައިވެރިވެގެން ދެ މީހުންގެ އަނބިންގެ ނަމުގައި ހަސަން ތައުފީގު ކިޔާ އަމިއްލަ މީހަކާ ގުޅިގެން އެ ގެއަށް 10.5 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ހަސަން ތައުފީގަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ގާތް ބޭފުޅެކެވެ. އެގެއަށް އިންވެސްޓްކުރަން އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދިގޮތެއް މިހާތަނަށް ދާއޫދަށް ކިޔައިދެވިފައިނުވެ އެވެ.

މީގެއިތުރުން އެފްޑަބްލިއު ރެސިޑެންސުން އާއިލާގެ މެންބަރެއްގެ ނަމުގައި 4.1 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ބައްލަވައިގެނެ، ފަހުން ދާއޫދުގެ ދަރިފުޅެއްގެ ނަންމައްޗަށް އެ އެޕާޓްމަންޓް ބަދަލުކޮށްފައިވާކަން ވެސް ނާޒިމް ވަނީ ހާމަކޮށްފަ އެވެ.

އެ އެޕާޓްމަންޓް ގަންނަން ފައިސާ ހޯދި ގޮތެއް ވެސް ދާއޫދަކަށް ކިޔައިދެވިފައެއްނުވެ އެވެ.