މަޝްހޫރު ބިލްބޯޑް މެގަޒިންގެ ގްރެމީ ކޮންޓެންޑާސްގެ ލިސްޓަށް އެރި ފުރަތަމަ ކާމިޔާބު ބޭންޑް "ޓޫއޮފްއަސް"ގެ ލީޑު ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ވެއްޖެ އެވެ.

އަދުހަމް އެ ލިސްޓަށް އަރާފައިވަނީ އިންޓަނޭޝަނަލް މިއުޒިކް ޕްރޮޖެކްޓެއް ކަމަށްވާ "ދަ ވޯލްޑް އަލްބަމް"ގެ އާޓިސްޓުންގެ ތެރޭގައި ހިމެނިގެންނެވެ.

އިންޓަނޭޝަނަލް އާޓިސްޓް ޕްރޮޖެކްޓްއިން އިސްނަގައިގެން އުފައްދާ "ދަ ވޯލްޑް އަލްބަމް"ގައި 200 އަށްވުރެ ގިނަ ގައުމުން ތަފާތު 93 ބަހަކުން މިއުޒިކް ހިމެނޭނެ އެވެ.

"ވޯލްޑް އަލްބަމް ކަހަލަ ތާރީހީ ޕްރޮޖެކްޓެއްގައި އަމިއްލަ ގައުމު ތަމްސީލު ކުރަން ފުރުސަތު ލިބުމަކީ ލިބޭ ޝަރަފެއް." އަދުހަމް ބުނެފައިވެ އެވެ.

އަދުހަމްއާއި އޭނާގެ ބޭންޑް "ޓޫ އޮފް އަސް" އެންމެ ފުރަތަމަ އާއްމުންގެ ސަމާލުކަމަށް އައިސްފައިވަނީ އިންޑިއާގެ ޓެލެންޓް ޝޯއެއް ކަމަށްވާ "ބެޓެލް އޮފް ދަ ބޭންޑްސް"ގައި އެ ބޭންޑުން ދެއްކި ހުނަރުގެ ސަބަބުންނެވެ.

އެ ބޭންޑުން ވަނީ އެ ޝޯގައި ބައިވެރިވި އިންޑިއާގެ ބޭންޑުތަކާ ވާދަކޮށް ސެކަންޑް ރަނަރަޕްގެ ޝަރަފު ހޯދާފަ އެވެ. އެ ބޭންޑަށް ޝޯގެ ޖަޖުންގެ ތައުރީފު ވެސް ލިބުނެވެ.