ވެކްސިން ޖަހަން ކިއުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެ ރަމަޟާން މަހު ވެކްސިން ޖަހާ ގަޑި އިތުރު ކުރި ނަމަވެސް ކިއުތަކަށް ބަދަލު އައިސްފައި ނުވާތީ އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތި ވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ވެކްސިން ޕްރޮގްރާމް ކުރިއަށް ދަނީ ވަރަށް ގިނަ ބަޔަކާ ގުޅިގެން ކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ރަމަޟާން މަހަށް ވުމާއެކު ދިމާވާ ދަތި ތަކާއެކު ވެސް ވެކްސިން ޖެހުމުގެ ކަންކަން އޮޕަރޭޓް ކުރަމުން ދާ ޓީމުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިނޭޝަން ސެންޓަރުތަކުން ވަކި ބަޔަކަށް އިސްކަންދޭ ކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށް ބުނެ ނޫސްވެރިން ކުރިން ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވަކި ތަނަކަށް ނިސްބަތް ވާ މީހަކަށް ވެކްސިން ޖެހުމުގައި އިސްކަން ދިނުމުގެ އުސޫލެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އިސްކަން ދެމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.