ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ބަލި މީހުންނަށް މަރުހަބާ ކިޔަން އައިޖީއެމްއެޗަށް އިތުރު 40 މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

ބަލި މީހުންނަށް މަރުހަބާ ކިޔަން މީގެކުރިން ވެސް މުވައްޒަފުން ހޯދަން އެ ހޮސްޕިޓަލުން އިއުލާންކޮށްފައިވެ އެވެ. މިދިޔަ ޖުލައި މަހު އިއުލާންކުރީ އެ މަގާމަށް 55 މުވައްޒަފުން ނެގުމަށެވެ.

މިއަދު އިއުލާންކުރި 40 މަގާމާއެކު ކައުންސިލް އިންތިހާބާ ދިމާކޮށް އެ މަގާމަށް ޖުމްލަ 95 މީހުންނަށް ވަޒީފާ ދޭނެ އެވެ.

އެ މަގާމަށް ދީފައިވާ ނަމަކީ "ޕޭޝަނަޓް ސަޕޯޓް ކޯޑިނޭޓާ" އެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސަސްގަ އެވެ. މި މަގާމުގެ މުސާރަަކީ މަހަކު 12،000ރ. އެވެ.

އެ މަގާމުތަކުގެ ޝަރުތުތަކަކީ ގްރޭޑް 10 ނިންމާފައިވުން ނުވަރަ ގްރޭޑް 7 ނިންމާފައިވުމެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހެވެ.

އައިޖީއެމްއެޗްގެ އިއުލާންގައި ވަނީ ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ތަމްރީނުގެ އިތުރުން މަސައްކަތުގެ ތަޖުރިބާ އާއި މަގާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލުކަމާއި "އެހެނިހެން ސިފަތަކަށް" ބަލާނެ ކަމަށެވެ.