ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާންގެ ފެނިލުމެއް އެކުގައި އަނެއްކާވެސް ފެނިގެން ގޮސްފި އެވެ.
މިފަހަރު އެ ތިން ތަރިން އެކުގައި ފެނިގެންދިޔައީ ސައޫދީ އަރަބިއާގެ ރިޔާދުގައި މިހާރު ކުރިއަށްދާ "ދަ ޖޯއީ ފޯރަމް 2025"ގެ ތެރެއިންނެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަމުން އެ ތިން ތަރިން ވެސް ވަނީ ބޮލީވުޑްގައި އެމީހުން ހޭދަކުރި ދުވަސްތަކާއި ކުރެވުނު ތަޖުރިބާތަކަށް އަލިއަޅުވާލާފަ އެވެ.
އެއާއެކު އެ ތިން ތަރިންގެ މެދުގައި އޮތް އެކުވެރިކަން ފާހަގަ ކުރަމުން އެމީހުން ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.
އެ ފެނިލުމުގައި ބޮލީވުޑްގެ ހަޔާތުގެ އިތުރުން ވެސް ތިން ތަރިންގެ މެދުގައި ހެއްވާ މަޖާ ވާހަކަތަކެއް ދެކެވުނެވެ. އެގޮތުން އާމިރު ބޮލީވުޑްގެ ލަވައެއް ކީއިރު ސަލްމާންއާއި ޝާހްރުކް ފަހަތުގައި ތިބެގެން އެ ލަވައަށް ނެށުމުގެ ހަރަކާތްތެއް ދެއްކި އެވެ.
ޝާހްރުކް ޚާން، ސަލްމާން އަދި އާމިރުއަކީ ދާދި އެއް ދުވަސްވަރެއްގައި ބޮލީވުޑަށް ތައާރަފްވެ 90ގެ އަހަރުތަކުގައި މަގުބޫލުކަން ހޯދި ތިން ތަރިންނެވެ.
އާއްމު ގޮތެއްގައި އެ ތިން ތަރިންގެ މެދުގައި ވާދަވެރިކަން އޮންނަ ކަމަށް ގަބޫލު ކުރެވިފައި އޮތަސް އެކި ފަހަރު މަތިން އެމީހުން އެކުގައި ފެނިގެން ދިޔަ އެވެ.