މަޝްހޫރު އިންފްލުއެންސަރު އަދި މޮޑެލް ކިމް ކާޑޭޝަންއާއި ކާންޔޭ ވެސްޓްގެ ކައިވެނި ރޫޅުނު އަސްލު ސަބަބު އެންމެ ފަހުން ކިމް ހާމަކޮށްފި އެވެ.

ދާދި ފަހުން "ކޯލް މީ ޑެޑީ" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ކިމް ވަނީ އޭނާއާއި ކާންޔޭގެ ގުޅުމަށް އަލިއަޅުވާލައި ވާހަކަ ދައްކާފަ އެވެ.

ކިމް ބުނީ އެމީހުންގެ ކައިވެނި ނިމުމަކަށް އައީ އެ ކައިވެނީގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި މާލީ ގޮތުން ވެސް އޭނާއަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން އިހުސާސްވި ހިސާބުން ކަމަށެވެ.

"އަހަރުމެން އަތުގައި ފަސްވަރަކަށް ލެމްބޯރްގިނީ ކާރު އޮންނާނެ. އެކަމަކު ބައެއް ދުވަސް ދުވަހު އެއިން އެއްވެސް ކާރެއް ގެއަކު ނޯންނާނެ. އެ ހުރިހާ އެއްޗެއް އޭނާގެ (ކާންޔޭގެ) ރައްޓެހިންނަށް ދޭނީ" ކިމް ބުންޏެވެ.

ކިމް އިތުރަށް ބުނީ އެ ހުރިހާ މައްސަލަތަކާއެކު ވެސް ދިހަ ވަރަކަށް އަހަރު އެކުގައި އުޅެ ދަރިންތަކެއް ބޮޑު ކުރުމަކީ އެ ދެމީހުންނަށް ވެސް ހާސިލްވި ކާމިޔާބެއް ކަމަށެވެ.

2014 ވަނަ އަހަރު ކައިވެނިކުރި ކިމްއާއި ކާންޔޭ ވަރިވެފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ކައިވެންޏާއި ވަރިއަކީ ވެސް މީޑިއާއާއި އާއްމުންގެ ސަމާލުކަން ލިބުނު ކަންކަމެވެ.