ޖެނިފާ ލޮޕޭޒް ނުވަތަ މަޝްހޫރު ނަމުން ނަމަ ޖޭލޯއަކީ ތައާރަފަކަށް ބޭނުންވާނެ ތަރިއެއް ނޫނެވެ. އޭނާގެ ލަވަތަކުން ގިނަ ބައެއްގެ ހިތް އަތުލާފައިވާއިރު އޭނާގެ ޒާތީ ދިރިއުޅުމަކީ އާއްމުންނާއި މީޑިއާގެ ސަމާލުކަން ހޯދާ ކަމެކެވެ.

"ދަ ހޮވާޑް ސްޓާން ޝޯ"އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖޭލޯ ވަނީ އޭނާގެ ކުރީގެ ގުޅުންތަކުން އެއްވެސް ވަރަކަށް ލޯބި ނުލިބޭ ކަމަށް ބުނެފަ އެވެ.

ޖޭލޯގެ މި ބަޔާނާއެކު އޭނާގެ ކުރީގެ ފިރިމީހާ އޮޖާނީ ނޯއާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޖޭލޯއަށް ތުހުމަތު ތަކެއް ކޮށް ވަރުގަދަ ރައްދެއް ދީފަ އެވެ.

އޮޖާނީ ބުނެފައިވަނީ ޖޭލޯގެ ގުޅުންތަކުގައި މައްސަލައަކަށްވީ އޭނާ ނުވަތަ ޖޭލޯގެ އެހެން ބައިވެރިން ނޫން ކަމަށާއި މައްސަލައަކަށްވީ ހުދު ޖޭލޯ ކަމަށެވެ.

އެގޮތުން އެ ދެމީހުންގެ ކުރު ކައިވެނީގެ މުއްދަތުގައި ޖޭލޯ އޭނާއަށް ބޭވަފާތެރިވެ އޮޅުވާލާފައިވާ ކަމަށާއި ޖޭލޯއަކީ ގުޅުންތަކުގައި އެއްވެސް ތެދުވެރިކަމެއް ނުބަހައްޓާ މީހެއް ކަމަށް އޮޖާނީ ތުހުމަތު ކޮށްފައިވެ އެވެ.

"އަހަންނަކީ ރަނގަޅު މީހެއް. އަހަރެން (ޖޭލޯ ދެކެ) ވަރަށް ލޯބިވިން. އެކަމަކު އަހަންނަށް އެ ގުޅުމުން ލިބުނުހާ ވެސް އެއްޗަކީ އޮޅުވާލުމާއި ކެހިވެރިކަން" އޮޖާނީ ބުނެފައިވެ އެވެ.

އޮޖާނީއާއި ޖޭލޯ ކައިވެނި ކޮށްގެން އުޅުނީ 1997 އާއި 1998 އާ ދެމެދު 11 މަސް ދުވަހުގެ މުއްދަތަކަށެވެ. އެ ގުޅުން ނިމުމަށްފަހު ވެސް ޖޭލޯ ވަނީ އިތުރު ހަތަރު ކައިވެންޏެއް ކޮށްފަ އެވެ.