އައްޑޫގެ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް ގާއިމްކުރަން ފެނޭތޯ ބެލުމަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފަށް ނަގާ ވޯޓެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަހްމަދު ވިދާޅުވީ ހޮނިހިރު ދުވަހު އެ ވޯޓް ނަގަން ރައީސް މުހައްމަދު މުއިއްޒު ގަރާރު ނެރުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. އަހްމަދު ވިދާޅުވީ ގައުމީ މުހިންމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާކުރަން ވާނީ ސައްހަ މިންގަނޑެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ގައުމީ މުހިންމު މައްސަލަތަކުގެ ގޮތުގައި ހިމެނެނީ ދައުލަތުގެ ސިޔާދަތާއި، ގައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާއި ދުސްތޫރީ ބޮޑެތި ބަދަލުތަކާއި އިސްލާހުތައް ފަދަ މައްސަލަތަކެވެ.

އެހެންކަމުން މުޅި ދައުލަތް އޭގައި ޝާމިލުނުވާ ވަކި އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ މައްސަލަތަކަކީ ގައުމީ މުހިއްމު މައްސަލައެއްކަމަށް ބަލައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނަގާ ވޯޓަކީ ޣައިރު ދުސްތޫރީ ބާރުގެ ބޭނުންކޮށްގެން ނަގާ ވޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ. އަދި، ރާއްޖޭގައި ލާމަރުކަޒީ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތައް ހިންގަން ކައުންސިލްތައް އުފައްދަންވާނީ ގާނޫނުއަސާސީއާއި ގާނޫނުގައި ވާގޮތުގެ މަތިންކަން އެނގެން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑުއަތޮޅަކީ ސިޓީއެއް ކަމަށް މީލާދީން 2011 ވަނަ އަހަރު އިއުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސިޓީ ކައުންސިލެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ." އަހްމަދު އެކްސްގައި ލިޔުއްވާފައިވެއެވެ.

"އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސުން ބޭރުވެ، ވަކި ކައުންސިލެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ގާނޫނީ ގޮތުން ލިބިގެން ނުވެއެވެ."

އެމަނިކުފާނު ވިދާޅުވީ ރައީސްގެ ގަރާރުގައި ފާހަގަކޮށްފައިވާ، ފޭދުއާއި މީދުއާއި ހުޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ގާނޫނުއަސާސީއާއި ގާނޫނުގެ ތެރެއިން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސޯސަށް އޭގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް ދުސްތޫރީ އަދި އިދާރީ ހައްލުތައް ހޯދައިދެވިދާނެ ކަމަށވެ.