ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިންގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެކޮންޓެއިނާ ސިނގިރޭޓުގެ ބޮޑު ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 65 އަހަރުގެ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު ބަންދަން ދިން 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
މި މައްސަލާގައި އިތުރު ތިން މީހަކު ހުކުރު ދުވަހު ވަނީ ހައްޔަރުކޮށް، ބަންދު ކުރަން ކޯޓުން އަމުރުކޮށްފަ އެވެ. ހައްޔަރު ކުރި ތިން މީހުންނަކީ އަހުމަދު ޝަމީމް، ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)، އަހުމަދު ފިރުޝާން، ހ. ރުމޭނިއާ (35 އަހަރު) އަދި ހުސައިން ސާމިހް، އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) އެވެ.
މީގެ ތެރެއިން ޝަމީމާއި ސާމިހް ތަހުގީގުގެ ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޖުމުލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފަ އެވެ.
މި މައްސަލާގައި ދިގަލީގެ އިތުރުން ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އާއްޓޭ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
ވަހީދު އިއްޔެ ވެސް މިއަދުވެސް ހަމަ އެގޮތުގައި
ދީނީ ދަރުސް ދިނުމަށް ޑރ. ޝިހާމަށް ސަރުކާރުން ހުރަސްއަޅައިފި
ސުޝްމިތާއަށް ފުރުސަތުތައް ލިބުން މަދުވި ސަބަބު!