ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް އިއުލާނު ކުރި ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނީ އަންނަ ޖެނުއަރީ ހިސާބުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ވައިގެ ތެރޭގައި ލޮނުގެ އަސަރު ގިނަކަމުން ވެހިކަލްތަކަށް މޮޑިފިކޭޝަންތަކެއް ގެންނަންޖެހޭތީ ޓެކްސީ ލައިން ފެށުމުގައި ލަސްކަމެއް އަންނަނީ ކަމަށް ވިދާޅުވި އެވެ.
"މިއީ ލޮނުގެ އަސަރު ކުރާ ސަރަހައްދަކަށްވެފައި އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަންއަކަށް ވީމާ، މީގެ މޮޑިފިކޭޝަންސްތަކެއް އުފައްދާ ފަރާތްތަކުން ކޮންމެވެސް ވަރަކަށް ގެންނަންޖެހޭތީ އެ ބަދަލާ އެކީގައި ކުޑަ ލަސްވުމެއް މި އަންނަނީ، އެކަމަކު ވެސް އިރާދަކުރެއްވިއްޔާމުން މި އަހަރު ނިމޭ ހިސާބުގައި ނޫނިއްޔާމުން ޖެނުއަރީ ހިސާބުގައި ތިޔަ ވިދާޅުވި ޓެކްސީ ލައިނުގެ ހިދުމަތް ފެށިގެން ދާނެ،" އަމީން ވިދާޅުވިއެވެ.
މި އަހަރު ޓެކްސީ ލައިންގެ ހިދުމަތް ފަށަން ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެންނަން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށެވެ. އެއިރުން ކާރަކަށް އަށް ލައްކަ ރުފިޔާ ޖެހޭނެ އެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނު ފަށާނެ ކަމަށެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި އޯގަސްޓު މަހުގެ ފަހުކޮޅު ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާދެއްވައިފި
ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން އެމެރިކާ އިތުރު ފިޔަވަޅު އަޅަނީ
މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ޖަލްސާ ކެންސަލް ކޮށްފި