މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި އެމްއެމްސީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރެއްވި މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އާ ކޮމިޝަންގެ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފެންނަ ކަމަށެވެ.
ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަނުކުރަން މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓުދެއްވި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން އެ ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަނުކޮށްފައި ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އެވެ.
އޮންލައިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް، ހުސައިން ސަގީފް އާއި ވަގުތު ނޫހުގެ ނޫސްވެރިޔާ، ސިމާހާ ނަސީމް އެވެ.
ބްރޯޑްކާސްޓިން މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެންބަރު، ޒަމްއަތު ވަހީދު އާއި އަބްދުލްއަޒީޒް އިބްރާހީމް އެވެ.
އޮންލައިން އަދި ބްރޯޑްކާސްޓިން ކެޓެގަރީން ކޮންޓްރޯލް ކޮމިޝަނަށް ހަތަރު މެންބަރުން އިންތިހާބުވީ ވޯޓަކާ ނުލަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ.
200 އަށްވުރެ ގިނަ ބަނގުރާފުޅިއާ އެކު ބިދޭސީންތަކެއް ހައްޔަރަށް
ބިދޭސީންތަކެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު ހޯދައިފި
އަތޮޅު މުބާރާތްތަކަށް 4.1 މިލިއަން ރުފިޔާދޭން ފީފާއިން ނިންމައިފި