ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވާޑްރޯ ކުރާނަމަ ދައުލަތް ބަނގުރޫޓު ވުމުގެ ފުރުސަތު އެބައޮތް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ފިނޭން މިނިސްޓްރީން ވަނީ ފައިސާ އޯވްޑްރޯ ނުވަތަ އިތުރަށް ފައިސާ ޗާޕު ކުރެވޭ ގޮތަށް އެ މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެކެމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައީދު ވާހަކަ ދައްކަވަމުން ވިދާޅުވީ، ފިނޭންސުން ހުށަހެޅި ކަންތައް ބަލަން ޖެހޭނީ ތަސައްރަފު ފުދިގެން ތިބެ ކަމަށެވެ.
"އަޅުގަނޑުމެން މަޖިލީހުން މިއަދު އެބަ ޖެހޭ ތަސައްވުރު ފުދޭ ގޮތަކަށް މި މައްސަލަ މި ފަހަރު ދިރާސާ ކުރަން. ގައުމުގެ އިގްތިސޯދު މި އޮތީ ރަނގަޅު ހާލަތެއްގައި ނޫން. މި ބަހުސްއަށް ބަޖެޓްގެ ބަހުސްއަށް ދޭ އަހައްމިއްޔަތު ދޭން ޖެހޭ ކަމެއް. އެހެން ނޫން ނަމަ ދައުލަތް މި އޮތް ހާލަތުން އިތުރަށް ބަނގުރޫޓު ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ދެ އަހަރު ކުރިން ވެސް ފިނޭންސަށް ވަނީ ޕަބްލިކް ބޭންކް އެކައުންޓުން ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދީފަ އެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އަހަރު ދުވަހަށް ސަސްޕެންޑްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްފަ އެވެ. އެ މުއްދަތު އަންނަ ހޯމައަށް ހަމަވާއިރު އިތުރު އަހަރު ދުވަހަށް އިތުރުކޮށްދޭން ފިނޭންސް އިން ވަނީ މަޖިލީހުގައި އެދިފަ އެވެ.
ކުރިން އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، ބަލިމަޑުކަމުގެ ހާލަތަކާއި އެ ހަލާތާ ގުޅިގެން އިގްތިސޯދީ ތަދުމަޑުކަމެއްގައި ދުނިޔެއާއި ރާއްޖެ ވެސް އޮތް އިރު، ކޮވިޑް-19 ގެ ހާލަތަށް ދައުލަތުން ވަރަށް ގިނަ ހަރަދުތައް ކުރެވިފައިވާ ކަމަށެވެ. އެ ހަރަދުތައް ކުރެވެމުންދާ ގޮތް މަޖިލީހަށް ވެސް ރަނގަޅަށް ނުބެލޭ ކަމަށެވެ،
"މި މަޖިލީހަކުން ވެސް ކިހާ ހަރަދެއް ކޮވިޑް-19 އަށް ދައުލަތުން ކުރެވިފައިވޭތޯ ބެލެވިފައެއް ނުވޭ. 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވެސް ވެންޓިލޭޓަރުތައް ނުލިބި އޮތީ. ހަކުރު ފުށް ހަނޑުލަށް ވެސް އާދަޔާ ހިލާފް ބޮޑެތި އަދަދުތަކެއް ނަގާފައި އެބަ އޮތް، ބޭރުގެ ފަރާތްތަކުން ދީލަތި އެހީގެ ގޮތުގައި ސާދަ ބިލިއަނެއްހާ ރުފިޔާ، މި މަޖިލީހުގެ ހުއްދައިން ހަތަރު ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް، އަޅުގަނޑުމެނަކަށް ނުފެނޭ ކުރި ހަރަދެއް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދައުލަތުގެ ހަރަދަށް ކިރިޔާ ވެސް ފަރުވާކުޑަކޮށްފައިވޭތޯ ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. މީގެ ކުރިން އޯވަޑްރޯ ކުރުމުގެ ހުއްދަ މަޖިލީހުން ދީފައިވަނީ އެކަށީގެންވާ ގޮތެއްގައި ދިރާސާ ކޮށްފައި ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. މި ފަހަރު މަޖިލީހުން މަޖިލީހުގެ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ދައުލަތް ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވެސް ދީފަ އެވެ. ނަމަވެސް އެކަން ގަބޫލުކުރަން އަމީރު ވަނީ ދެކޮޅު ހަދައިފަ އެވެ.