ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުސްވާ މެންބަރުކަމުގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އެޗްއާރުސީއެމްގެ މެމްބަރެއްގެ މަގާމަށް އައްޔަނު ކުރަން ރަމީލާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހު ކުރީ ކޮޅު އެވެ.

އެޗްއާރުސީއެމްގެ މެންބަރެއްގެ މަގާމު ހުސްވަނީ އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރުގެ މުއްދަތު މާދަމައަށް ހަމަވާތީ އެވެ.

ރަމީލާގެ ނަން ދިރާސާ ކުރި މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ނިންމާފައި އޮތީ އޭނާ އެ މަގާމަށް އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން ރަމީލާ އެ މަގާމަށް އައްޔަން ކުރަން ރުހުން ލިބުނީ، 63 މެންބަރުންގެ ވޯޓުން އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ރަމީލާއަކީ މި ސަރުކާރުގެ ކެބިނެޓް އެކުލަވާލިއިރު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މެންޑޭޓް ހަވާލު ކުރި ވަޒީރެވެ. އެހެން ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން މިނިސްޓަރު ކަމުން އޭނާ އިސްތިއުފާ ދެއްވީ އެވެ. ރަމީލާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.