3 ނޮވެމްބަރު 1988 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއަކީ ރާއްޖޭގެ އިތުރުން ބޭރުގެ މީޑިއާގެ ވެސް ބޮޑު ސަމާލުކަމެއް ލިބުނު ހާދިސާ އެކެވެ.

އެ ދުވަހުގެ އެ ހާދިސާ ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީއަށަ އަރާފައިވާއިރު އެކި މީޑިއާތަކުން އެ ހާދިސާ ސިފަ ކޮށްދީފައިވަނީ އެކި ގޮތަށެވެ.

އެގޮތުން ބަލާއިރު އެ ދުވަހު "ދަ ނިޔު ޔޯކް ޓައިމްސް"ގައި ޝާއިއު ކޮށްފައިވާ ހަބަރުގައި ސްރީލަންކާގެ ފަރާތުން ލިބުނު ހަބަރުތަކާ ހަވާލާދީ ބުނެފައިވަނީ ހަތިޔާރާއެކު އިންޑިއާ ކަނޑުގެ ގައުމަކަށް ދުޝްމަނުން އަރާ ހަމަލާ ދީފައިވާ ކަމަށެވެ.

އެއާއެކު އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްއާއި ކެބިނެޓްގެ ދެ ވަޒީރަކު ހައްޔަރު ކުރެވިފައިވާ ކަމަށް ވެސް އެ ހަބަރުގައި ބުނެފައިވެ އެވެ.

https://www.youtube.com/watch?v=gfw9IjxuG2U

ބީބީސީ ނިއުސްގެ އިރުއޮއްސި ހައެއްގެ ހަބަރުގައި މި ހާދިސާ ރިޕޯޓު ކޮށްފައިވާއިރު އެ ހަބަރުގައި ރާއްޖޭގެ ނަން ނުގަނެ ކޮމަންވެލްތު ގައުމެއްގެ ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

މި ދެ ހަބަރުގެ އިތުރުން ވެސް ދުނިޔޭގެ އެހެން މީޑިއާތަކުން މި ހާދިސާ ގެނެސްދިންއިރު އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ ކަމަކީ ދިވެހި ރާއްޖެއަށް ލިބުނު ނަސްރުގައި އިންޑިއާގެ ދައުރާއި ސަރަހައްދީ އަމާން ކަމަށް އިންޑިއާ ކުރާ މަސައްކަތެވެ.

ބަޑި ބުރާސްފަތީގެ ނަމުން މަޝްހޫރު ވެފައިވާ މި ހާދިސާގައި ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދުވިއިރު އޭގެ ތެރޭގައި 8 ސިފައިންގެ ބޭކަލުން ވެސް ހިމެނެ އެވެ.

އެ ދުވަހު ދުޝްމަނުންގެ މައްޗަށް ލިބުނު ނަސްރު ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެ އެވެ.