ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ރައީސް މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނައަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުވި އައްޑަނައެކެވެ.

ޓެރަރިސްޓުންނާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ރައީސް މައުމޫން ދެއްވި އިރުޝާދާއި ކުރައްވާފައިވާ އަގުހުރި ޚިދުމަތް ފާހަގަކުރެވެ އެވެ.

ނަސްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ބޭރުގެ ޓެރަރިސްޓް ބަޔަކު ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ނަސްރު ލިބުނު ދުވަހެވެ. ދިވެހި ހަ ޚާއިނުން، ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ދިން އެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެ އެވެ.