ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާްއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.
މިއަދު ހުޅުވި ހަނދާނީ ބިނާގައި ހުރީ، ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ -47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. އެ ބިނާ ބަހައްޓާފައި ހުރީ، ޝަހީދު ހުސައިން އާދަމް ކުޅުދުއްފުށިން އެންމެ ފަހުން ފުރާވަޑައިގެންނެވި ސަރަހައްދު ކަމަށްވާ، ކުރީގެ ބަނދަރު ސަރަހައްދުގަ އެވެ.
މި ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއް ރަޝީދެވެ.
މި ރަސްމިއްޔާތުގައި އާތިފް ވިދާޅުވީ، މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، އެންމެ ފަހުން މި ގައުމުގެ މިނިވަންކަމުގެ އަގަކަށްވީ، މީގެ 37 އަހަރު ކުރިން ޝަހީދުވި ހުސައިން އާދަމްގެ ފުރާނަފުޅާއި އެ ދުވަހު ޝަހީދުވި އެންމެންގެ ލެޔާއި ފުރާނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރި އަތޮޅެއްކަން އޭނާ ފާހަގަކުރެއްވި އެވެ. ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލު އުތީމު ބޮޑުތަކުރުފާނަކީ ބޮޑުތިލަދުންމަތީގެ ދަރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމާ ދިމާކުރާ ކޮންމެ އުދުވާނެއްގައި ތިލަދުންމަތީގެ ބަތަލުން އެންމެ އިސް ސަފުގައި ތިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ބިނާ ހެދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން 900،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
			ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
		
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
			ޝާހްރުކް ޚާންއަށް 60 އަހަރު!