"ލެކްޓޯސް އިންޓޮލަރެންސް"އަކީ ކިރާއި ކިރުން އުފައްދާ އެކި ބާވަތްތައް ކެއުމުން ސިއްހީ ގޮތުން އެކި އުނދަގޫތައް ކުރިމަތި ކުރުވާ ހާލަތެކެވެ.

ބޮޑެތި މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މި ހާލަތް ތަހައްމަލުކުރާ ބަޔަކަށް ވާއިރު އޭގެ ސަބަބު ސައިންސްވެރިން ވަނީ ބުނެދީފަ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ބޮޑުވަމުން އަންނަ ވަރަކަށް ކިރާއި ކިރުގެ ބާވަތްތައް ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްއެއް ކަމަށްވާ ލެކްޓޭސް ހަށިގަނޑުން އުފައްދާ މިންވަރު ދަށްވެ އެވެ.

ނަތީޖާއަކަށް ވަނީ ކިރު، ޗީޒް ނުވަތަ ޔޯގަޓް ފަދަ ކާބޯތަކެތި ބޭނުން ކުރުމުން ބަނޑު ފުފި، ބަނޑަށް އުނދަގޫވެ ނުވަތަ ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތިވުމެވެ.

ލެކްޓޭސްއަކީ ތުއްތުއިރުން ފެށިގެން ފުރާވަރު އުމުރާ ހަމައަށް ހަށިގަނޑުން އުފައްދާ އެންޒައިމްއަކަށްވާއިރު އުމުރުން ދޮށިވާ ވަރަކަށް މި އެންޒައިމް މަދުވުމަކީ ހަށިގަނޑުގެ ގުދުރަތީ ނިޒާމެވެ.

އެހެން ކަމުން އާއްމު ގޮތެއްގައި ބައްޔެއްގެ ގޮތުގައި ބެލެވޭ "ލެކްޓޯސް އިންޓޮލަރެންސް"އަކީ ހަށިގަނޑު އޭގެ ގުދުރަތީ ނިޒާމުގެ ދަށުން ހިނގަމުން އަންނަކަން އަންގައިދޭ ކަމެކެވެ.

ކަން މިހެން އޮތް ނަމަވެސް އުމުރުން ދޮށި ވުމުން ވެސް ކިރުގެ ބާވަތްތައް ބޭނުން ކުރުމުގައި އެއްވެސް އުނދަގުލެއް ކުރިމަތިނުވާ މީހުން ވެސް އުޅެ އެވެ.

އެފަދަ މީހުންނަކީ ވާރުތަވާ ޖެނެޓިކް މިއުޓަންޓްއެއް ހަށިގަނޑުގައި ހުންނަ ބައެއް ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ އެ އުމުރުގައި ވެސް ހަށިގަނޑުން ލެކްޓޭސް އުފެއްދުން ކަމަށް މާހިރުން ބުނެ އެވެ.

މިކަންކަމަށް ބަލާއިރު ކިރުގެ ބާވަތްތައް ބޭނުން ނުކުރެވުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ތިމާގެ ސިއްހަތު "ނޯމަލް"ކަން އަންގައިދޭ ކަމެކެވެ.