މާލެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެ ދެ ބޭފުޅުންނަކީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްކަން އެނގިއްޖެ އެވެ.

އެ ދެ ބޭފުޅުން ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އަންނަ އަހަރު މާޗު ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ޕާޓީން މިދިޔަ އޮގަސްޓު މަހު ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބެލުމަށް އިއުލާނެއްކޮށްފަ އެވެ.

އެ އިއުލާންގެ މުއްދަތު މިހާރު ހަމަވެފައިވާއިރު، މާލޭ މޭޔަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އަލީ އާޒިމް އާއި އާދަމް އާޒިމް އެކަންޏެވެ.

އެ ދެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އާދަމް އާޒިމް ވަނީ ރޭ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފަ އެވެ.

އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، 2023ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާ އެކު، ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވީ އާޒިމް އެވެ. އެގޮތުން އާޒިމްއަށް އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންނެވީ ވާދަވެރިއަކު ނެތުމުން ޕްރައިމަރީއަކާ ނުލަ އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ބޭއްވި މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރުއާ ވާދަކުރައްވައިގެންނެވެ.

އާދަމް އާޒިމް ރޭ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފައިވާއިރު، އާޒިމް ވިދާޅުވެފައިވަނީ އޭނާ ކެޕެއިން ފެއްޓެވީ މޭޔަރު ކަމަށް އިތުރު ބޭފުޅަކު ވާދަކުރަން ނެތުން ކަމަށެވެ.

މީގެ ކުރިން އެސްޓީއޯ, އެމްޓީސީސީ ފަދަ ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ހިންގަވައި, ގިނަ ކާމިޔާބީތަކެއް ހާސިލް ކުރައްވާފައިވާ އާޒިމް, އޭނާގެ ސިޔާސީ ހަޔާތުގައި ވާދަ ކުރެއްވި ފުރަތަމަ އިންތިޚާބު, ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި މޭޔަރަކަށް ވަޑައިގެންނެވީ, 2024 ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

އާޒިމް، އާޒިމާގެ މައްޗަށް ކުރި ހޯއްދެވީ 2،500އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.