އޭނާ ކިޔަވައިދިނުމުގެ ދާއިރާއަށް ނުކުތީ ގުރުއާން ޓީޗަރެއްގެ ގޮތުގައި. ފަހުން ޕްރީ ސްކޫލް ޓީޗިން ކޯސް ހަދައި މާލޭގެ ބައެއް ސްކޫލްތަކުގައި ވެސް ކިޔަވައިދިން. މިހާރު އޭނާ ކިޔަވައިދެނީ އޭނާގެ އުފަން ރަށުގައި. ކިޔަވައިދިނުމަކީ އޭނާ އަބަދު ވެސް އެންމެ ކުރާ ހިތްވި މަސައްކަތް. އެކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުން އެއީ ބުރަކަމެއްގެ ގޮތުގައި ނުދެކޭ. ކިޔަވައިދިނުމުގައި އެންމެ މުހިންމު ކަމެއްދެނީ ދަރިވަރުން މަޖާ އަދި އުފާވެރި މާހައުލެއްގައި ގެންގުޅުމަށް. ކުދިންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކޮންމެ ދުވަހަކު ޓީޗަރުން ސްކޫލަށް ހާޒިރުވުމާއި ބެލެނިވެރިންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ދެކޭ.

ކޮންމެ ބެލެނިވެރިއަކު ވެސް ދަރިންނަށް ތައުލީމު ދިނުމަށް ހަވާލުކުރާ މީހުންނާމެދު ކަށަވަރުކުރާ އެއްކަމެއް އޮވެ އެވެ. އެއީ ދަރިންނަށް ކިޔަވައިދިނުމަށް ހަވާލު ކުރެވޭ މީހަކީ އެކަމަށް އެންމެ ގާބިލު މީހާ ކަމަށް ވުމެވެ.

މި މުދައްރިސުން އެ ވަނީ ކްލާހުގެ ތެރޭގައި ހިނގާ ގިނަ ހަރަކާތްތަކުގެ ކުޑަކުޑަ ވަގުތުކޮޅެއް ދައްކާ ބެލެނިވެރިންނަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ. މިއީ މުޅިން ތަފާތު އުކުޅުތައް ބޭނުންކޮށްގެން ކުދިން ހެއްވާލާ މުދައްރިސެކެވެ.

ސައު ގްރެޖުއޭޝަނަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން: ކިޔަވައިދިނުމުގެ ދާއިރާއަށް ނުކުތީ އެކަމަށް ޝައުގުވެރިވާތީ

ޏ. ފުވައްމުލަކަށް އުފަން، ހައްވާ ސައުސަން (ސައު) ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއަކުން ގިނަ ބަޔަކު އުފާކޮށްލި އެވެ. އެ ވީޑިއޯއިން އޭނާގެ ދަރިންވަރުންނާއެކު ކުލާސް ތެރޭގައި ހޭދަކުރާ އުފާވެރި ވަގުތުކޮޅު ދައްކައިދެ އެވެ. އެ ވިޑީއޯއިން އެނގުނު އެއް ކަމެއް އެބަ އޮތެވެ. އެއީ ކިޔަވައި ދިނުމަށް މުދައްރިސުން ކުރާ ބުރަ މަސައްކަތެވެ. އެ ވީޑިއޯ މެސެޖުން އޭނާ ބުނެދޭނީ ފިލާވަޅަށް އަހުލުވެރި ކުރުވުމަށް ޓީޗަރުން ވަކިވަކި ކުދިންނަށް ސަމާލުކަން ދޭ ވާހަކަ އެވެ.

ގާތްގަނޑަކަށް 83،000 މީހުން މިހާތަނަށް ބަލާފައިވާ އެ ވީޑިއޯއަކީ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާ އެކީ އެ ޕްލެޓްފޯމްގައި ހިއްސާކުރި ވީޑިއޯއެކެވެ. މިއީ އޭނާ އުނގަންނައި ދިނުމުގައި ވަގުތު ހޭދަކުރާއިރު ކުޑަކުދިން ފޫހި ފިލުވައިދޭކަން ދައްކުވައިދޭ ކުޑަކުޑަ މިސާލެކެވެ.

https://vt.tiktok.com/ZSy9goJqj/

"އަޅުގަނޑު ޓިކްޓޮކަށް އެ ވީޑިއޯ ލުމުން ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ. އަޅުގަނޑު ބެލެނިވެރިންނަށް ހަގީގަތުގައި ދައްކާލަން ބޭނުންވީ އެހާރާއި މިހާރުގެ ކިޔަވައިދިނުމުގެ ތަފާތު. ޓީޗަރުން ކުދިންނަށް ކިޔަވައިދޭން ކުރާ މަސައްކަތް، ފޫހިނުކޮށް ކުލާހުގެ ތެރޭގައި ކުދިން ޝައުގުވެރި ކުރުވަން ޓީޗަރުންކުރާ މަސައްކަތް،" މުސަތަގުބަލުގައި ކިޔަވައިދިނުމުގައި އެންމެ މަތީ ހަރުފަތަށް ވާސިލުވުމަށް ބޭނުންވާ ސައު ބުންޏެވެ.

އަލިގަދަ ތަރިއެއް

ސައުއަކީ ދިވެހިންނަކަށް އާ މޫނެއް ނޫނެވެ. މީގެ 9 އަހަރު ކުރިން 2016 ގައި ސައު މުޅި ރާއްޖެއަށް ވިދައިގެން ދިޔައީ ޓީވީއެމް އިން ރޯދަމަހު ބޭއްވި "އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގައި ބައިވެރިވި 12 ބައިވެރިންގެ ތެރެއިން 7 ވަނައަށް ހޮވިގެންނެވެ. އޭރު އޭނާއަކީ މޮޅަށް ގުރުއާން ކިޔަވާ ޒުވާނެކެވެ. ސައުސަންގެ މުޅި އާއިލާއަކީ ވެސް ގުރުއާން ކިޔެވުމުގައި ފުވައްމުލަކުގައި ފުންނާބު އުސް ބައެކެވެ.

އެންމެ އަލިގަދަތަރީގެ 12 ބައިވެރިންނާއެކު ނަގާފައިވާ ފޮޓޯއެއް :ސައު އަކީ އެމުބާރާތުގެ ފަޚުރުވެރި 7ވަނަ

އޭނާގެ މަންމައާއި ބޮޑުދައިތަ އަދި އާއިލާގެ ވަރަށް ގިނަ މީހުން ގުރުއާން އުނގަންނައި ދިނުމުގެ ދާއިރާގައި ރަށު ފެންވަރުގައި މަސައްކަތް ކުރެ އެވެ. ސައު އުޅެ ބޮޑުވީ ގުރުއާން ކިޔަވައިދޭ މާހައުލެއްގައި ކަމުން، ގުރުއާންގެ އިލްމް އޭނާއަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އޭނާ ވަނީ ސްކޫލު ދައުރުގައި ގިނަ ގުރުއާން މުބާރާތްތަކެއްގައި ވާދަކޮށް އެކި ވަނަތައް ހާސިލްކޮށްފަ އެވެ. އެ ދުވަސްވަރު ޚާއްސަ ޖަލްސާތަކުގައި ވެސް އޭނާ ކިޔެވި އެވެ.

ސައުގެ އަލިގަދަތަރި މުބާރާތުގައި ޤުރުއާން ކިޔަވަނީ: އޭނާ ފުރަތަމަ ޓީޗިންގް ދާއިރާއަށް ނުކުތީ ގުރުއާން ޓީޗަރެއްގެ ގޮތުގައި

ކިޔަވައިދިނުމުގެ ދާއިރާއަށް ނުކުތުން

ސައު އަބަދުވެސް ކުޑަކުދިން ގޮވައިގެން އުޅުމަށް ޝައުގުވެރިވެ އެވެ. ވީމާ ކިޔަވައި ދިނުމަކީ އޭނާ އެންމެ ޝައުގުވެރިވާ މަސައްކަތައް ވި އެވެ. ގުރުއާން ކިޔެވުމަށް މޮޅުވުމުން 2009 ގައި ފުރަތަމަ އޭނާ މަސައްކަތް ކުރީ 2009 ފުވައްމުލަކުގައި ހުންނަ "ނައިބު އަބޫބަކުރު ސްކޫލް"ގައި ގުރުއާން ޓީޗަރެއްގެ ގޮތުގައި އެވެ. އޭގެ ފަހުން އެ ރަށުގައި ދީނީ ކަންކަން ކިޔަވައިދިނުމަށް މަޝްހޫރު ސްކޫލެއް ކަމަށްވާ "އައިޑިއަލް ސްކޫލް"ގައި ހަތަރު އަހަރު މަސައްކަތް ކުރި އެވެ. އެ ދުވަސްވަރު އޭނާ ކިޔަވައިދޭ ކުދިން އެކި މުބާރާތްތަކުގައި ވަނަ ހޯދާކަން ވަރަށް އުފާލާއެކު އޭނާ ފާހަގަކުރި އެވެ.

ކުޑަކުދިންގެ ދުވަހު ސައު ކެރެކްޓާ ހެދުމެއް ލައިގެން: ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް

ފަހުން ޓީޗިން ދާއިރާއަށް ރަސްމީކޮށް ވަނުމަށް އޭނާ ޕްރީސްކޫލް ޓީޗިން ޑިގްރީ ހެދި އެވެ. އެއަށްފަހު މާލޭގެ ބައެއް ސްކޫލުތަކުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިރިޔާ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ދޮންދޫނި ޕްރީ ސްކޫލް ހިމެނެ އެވެ.

ކޮވިޑް ތެރޭގައި ހިރިޔާ ސްކޫލުގެ ފަރާތުން ވާޗުއަލް ކުލާސްތައް ވެސް އޭނާ ދަރިވަރުންނަށް ނަގައިދީފައިވެ އެވެ. އޭނާ ފާހަގަ ވަނީ ހުރިހާ އެންމެންނާ ވެސް ގުޅިގެން މަސައްކަތް ކުރާ ހީވާގި ޓީޗަރެއްގެ ގޮތުގަ އެވެ. މިވަގުތު ސައުއަކީ ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ގައި މަސައްކަތް ކުރާ ހީވާގި، މުރާލީ މުދައްރިސެކެވެ.

ސައު ދަރިވަރުންނާއިއެކު ކްލާހުން ބޭރުގެ ހަރަކާތެއްގައި: ކުދިން ފޫހިނުކޮށް ކިޔަވައިދިނުމަށް އޭނާ އިސްކަންދޭ

ކުދިން ޝައުގުވެރި ވާނެ ގޮތަކަށް ކިޔަވައިދިނުމަށް އިސްކަންދޭ

ކިޔަވައިދިނުމުގައި އޭނާ ޚާއްސަ ސަމާލުކަމެއް ދޭ ކަމެއް އޮވެ އެވެ. އެއީ ކުދިން ފޫހިވިޔަ ނުދިނުމެވެ. ދެ ގަޑި ދޭތެރެއިން މަޖާކުރުމަކީ އޭނާއަށް ފެނުނު ގޮތުގައި ކުދިން ފޫހިނުކޮށް ކިޔެވުމަށް ސަމާލުކަން އަނބުރާލަން ބޭނުން ކުރެވޭނެ މޮޅު އުކުޅެކެވެ. އޭނާ އެކަން ކުރަނީ ލަވަ ކިޔައިގެންނާއި ހުސް ވަގުތު ކުދިންނާއެކު ކްލާހުން ބޭރުގައި ވަގުތު ހޭދަކޮށްގެންނެވެ.

މެލޭޝިއާގެ ސްކޫލުތަކަށް ކުރި ތަޖުރިބާ ދަތުރެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން: އުނގަންނައި ދިނުމުގެ ރޮނގުން ދެވޭނެ އެންމެ މައްޗަށް ދިއުމަށް އޭނާ ވިސްނާ

"އަޅުގަނޑު ކިޔަވައިދެނީ އުމުރުން ވަރަށް ހަނގު ކުދިންނަށް. އަޅުގަނޑު ކުލާސް ޓީޗަރެއްގެ ހައިސިއްޔަތުން ހަތަރު މާއްދާ އިންގްލިޝް މީޑިއަމްއަށް ކިޔަވައިދޭއިރު އެ ކުދިންނާ އެކީ ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ. އަބަދު އެކަކު ފެނުމުގެ ސަބަބުން ކިޔެވުމަށް ފޫހިވެދާނެ މަޖާ ވަގުތު ކޮޅެއް ހޭދަ ނުކުރަންޏާ. އެކަން ދަނެގެން ކިޔަވައިދެނީ،" މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގައި މާސްޓާސް އިން ޓީޗިން އެންޑް ލާނިން އިން މިވަގުތު ކިޔަވަމުން އަންނަ ސައު ބުންޏެވެ.

ކަބްސްކައުޓްސް ހުވާކުރުމުގެ ހަފްލާއަކަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން: ކިޔަވައިދިނުމުގެ އިތުރުން ސްކޫލްގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި އޭނާގެ ބައިވެރިވޭ

ފޫހިނުކޮށް ކިޔަވައިދުނުމަށް ކުދިންނާ އޮންނަ ގުޅުމާއެކު އެކީ ބެލެނިވެރިންނާ އޮންނަ ގުޅުން ރަނގަޅު ކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ. އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ ޓީޗަރު ކޮންމެ ދުވަހަކު ވެސް ކުލާހަށް ހާޒިރުވެ، ކުދިންނާއެކު ވަގުތު ހޭދަކޮށްގެން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ކިޔަވައި ދިނުމާއި ދަރިވަރުން ތަރުބިއްޔަތު ކުރުމަކީ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެ އެވެ. ކުއްޖާ ސްކޫލުން ވަކިވި ނަމަ ވެސް ޓީޗަރުން އެ ކުއްޖެއްގެ ވާނުވާ ބަލާކަން އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ކިޔަވައިދީފައިވާ ކުއްޖަކު ވަޒީފާގައި ކާމިޔާބުކަމާ އެކީ އުޅޭ ތަން ފެނުމަކީ ކޮންމެ ޓީޗަރެއްގެ ވެސް "ޕްރައުޑް މޮމެންޓެއް" (ފަޚުރުވެރިވާ ވަގުތުކޮޅެއް) ކަމަށް އޭނާ ބުންޏެވެ. ހަމަ އެފަދައިން އެ ޓީޗަރެއްގެ ދަރިވަރަކު ނުބައި މަގަކުން ދިޔަނަމަ، އެކަމަ ހިތާމަކުރާ ކަމަށެވެ.

ސައުއާ އެއްކޮށް މަސައްކަތް ކުރާ ޓީޗަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ދަރިވަރުންގެ ކިޔެވުމާއި ތަރުބިއްޔަތުގައި ޓީޗަރުން މައިންބަފައިންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރޭ

އެންމެ އުފާވަނީ ދަރިވަރުން ދޫކޮށްލާ ލޯބިމެސެޖުން

ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން "ޓީޗާސް ޑޭ" ފާހަގަ ނުކުރިނަމަ ވެސް ދަރިވަރުންގެ އަތުން ޓީޗާއަށް ކުޑަ ލޯބި މެސެޖެއް ލިބުމަކީ ވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ދެކެ އެވެ. އަދި އޭނާ ކުރިން ކިޔަވައިދީފައިވާ ދަރިވަރުން އޭނާގެ ޓިކްޓޮކް ވީޑިއޯތަކަށް ފޮނުވާލާ މެސެޖުން އުފާވެރިކަން އިތުރުކޮށްދެ އެވެ.

ސައު އޭނާގެ މަންމައާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ހުރިހާކަމެއްގައި މަންމަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ފާހަގަކުރޭ

ކިޔަވައިދިނުމަކީ ބުރަ ކަމެކެވެ. އުފަވާ ކަންތަކާއި ހިތްހަމަނުޖެހޭ ކަންކަން ވެސް ދިމާވާނެ އެވެ. ނަމަވެސް ސައުއަށް އެ މަސައްކަތަކީ ޕެޝަނެކެވެ. އޭނާ އެކަން ކުރަނީ ވަރަށް ކުރާ ހިތުންނެވެ. ޓީޗިން ދާއިރާއާ ގުޅެން ބޭނުންވާ ކުދިންނަށް އޭނާ ދޭ ނަސޭހަތަކީ ކިޔަވައިދޭން ބޭނުންވެގެން އެ މަސައްކަތް ކުރާހިތުން އެ ދާއިރާއާ ގުޅުމަށެވެ.

ކުއީން އޮފްދަ މެޗް އެވޯޑް ލިބިގަންނަނީ: އޭނާ ކުޅިވަރުގައި ވެސް ފާހަގަ ކޮށްލެވޭ

ހުސް ވަގުތު ރަށު ފެންވަރުގެ ޓީމުތަކަށް ވޮލީ އަދި ހެންޑް ބޯލް ވެސް ކުޅޭ ސައުއަކީ އެކަނިވެރި މައެކެވެ. ދެ ދަރިން ބެލުމުގެ ޒިންމާ ނަގަމުން އަދި ކިޔަވައިދިނުން ފަދަ ބުރަ މަސައްކަތެއް ކުރާއިރު، އޭނާގެ މައިންބަފައިން އަދި އާއިލާއިން ވެދޭ އެހީތެރިކަމާއި އެއްބާރުލުމަށް އޭނާ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.