އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން 17 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ތަކެތި ފެނިފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެވެ.

އެޕާޓްމަންޓް ބަލާފާސްކުރި އިރު، ފުލުހުންނަށް ވަނީ ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި ދަފްތަރު. ނަންބަރު ދރ 1786 / މާލެ، އުމުރުން 29 އަހަރުގެ މުހައްމަދު ޖަޒުލާން އަޝްރަފު ވަނީ ހައްޔަރުކޮށްފައެވެ.

މުހައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.