ފުވައްމުލަކުގައި ޕްލާންޓުން ދޫކުރާ ފެނުގެ ރައްކާތެރިކަން ޔަގީނެއް ނޫން ކަމަށާއި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ދޫނުކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

މިރަށު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ފެނަކަ ކޯޕަރޭޝަނުގައި ކައުންސިލުން އެދޭ ކަމަށެވެ. މީގެ އިތުރުން ކައުންސިލުން ބުނީ ފެނަކައިން މިއަދު މުޅި ރަށަށް ފެން ދޫކުރަން ނިންމުމުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޭޔަރު އިސްމާއިލް ރަފީގު އާއި އިތުރު ކައުންސިލަރުންތަކެއް ފެން ޕްލާންޓް ސަރަހައްދަށް ވަޑައިގެން އެތަނުގެ އިސް ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވި ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

https://www.facebook.com/photo?fbid=1236478528519927&set=a.247388407428949

އެ ބަޔާނުގައި ބުނެފައި ވަނީ "ނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓްތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ދޫނުކުރުމަށް ކައުންސިލުން އެދިފައިވާނެ" ކަމަށެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވެފައިވާ ކަމަށް ބުނެ ފެން ދޫކުރަން ފެނަކަ އިން މިއަދު ނިންމި އެވެ. އަދި އެ ފެން ރަށުގެ ބައެއް ހިސާބުތަކަށް ފޯރުކޮށްދޭ ކަމަށް އެނގިފައިވެ އެވެ.

ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވިތާ ތިން ދުވަސް މިހާރު ވަނީ ވެފަ އެވެ. އެ ރަށުގެ ފެން ތަޣައްޔަރުވެފައި ވާތީ އެމްއެފްޑީއޭ އާއި އެޗްޕީއޭގެ ލަފާގެ މަތިން ފެނަކައިން ވަނީ މުޅި ފެނުގެ ސިސްޓަމަށް ކްލޮރިން އަޅާފަ އެވެ.

ފުވައްމުލަކުގައި ފެނަކަ ކޯޕަރޭޝަނުން ފެން ފްލާންޓްގެ ބޯހޯލެއް. ފޮޓޯ | ހުރިހާ

ފެނަކަ ކޯޕަރޭޝަނުން ފެން ދޫކުރަން ނިންމިއިރު، މި ރަށުގައި ފެން އުފެއްދުމަށް ބޭނުންކުރާ ބޯހޯލްގައި ދަބަރު ޖަހާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ އިތުރުން ޕްލާންޓުން އުފައްދާ ފެނުގައި ވެސް ދަބަރުގެ އަސަރު ހުންނަކަން ފާހަގަވެގެން އެކަމާ އެތައް ބަޔަކު ޝަކުވާކުރިޔަސް މިއިން އެއްވެސް ކަމަކާ މިހާތަނަށް ފެނަކައިން ކަންބޮޑުވެގެން އެކަން ހައްލުކުރަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

މި ރަށަށް ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައި ވާތީ މޯލްޑިވިއަންގެ ފްލައިޓްގައި ކޮންމެ ދުވަހަކު ފެން ކޭސް ބަހަމުން ގެންދެ އެވެ.