އެޗްޑީސީގެ މުވައްޒަފުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ފެށި މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

ރީތިގަސްގެ ނަމުގައި ފެށި އެ މަޝްރޫއުގެ ދަށުން ޖުމްލަ ހަ ޓަވަރު އިމާރާތް ކުރެ އެވެ. މިހާތަނަށް ނިމިފައިވާ ޓަވަރުތަކުން ފްލެޓް ލިބޭ މީހުންނާ ތަޅުދަނޑި ހަވާލުކުރަން ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މުވައްޒަފުންނާ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

އެ މަޝްރޫއުގެ ފަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ހަދާފައިވެ އެވެ. އެޗްޑީސީން ބުނީ އެ ފްލެޓްތައް އިމާރާތްކޮށްފައި ވަނީ "ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް" ކަމަށެވެ.

އެޗްޑީސީގެ މުވައްޒަފުންގެ "ރީތިގަސް ރެސިޑެންސް"ގެ ޓަވަރެއް --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ރޭ ހަވާލުކުރަން ފެށީ ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން އަމާޒު ވަނީ އަމާޒުހިފާފަ އެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވެ އެވެ. ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނެ އެވެ.

އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓްތައް މިނިސްޓަރު މުއްތަލިބު ބައްލަވާލައްވަނީ --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ، 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް ވެސް އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.