ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މަތި އަޅަން ވެސް ހުށަހެޅީ ގާނޫނާ ހިލާފު އިސްލާހެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައްޔިތުންގެ ރެފެރެންޑަމް އަކުން ވިއަސް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ހިލާފަށް ފާސްކޮށްފައިވާ ދުސްތޫރީ ނައްސެއްގެ މައްޗަށް ބިނާކޮށް ކުރާ އެއްވެސް ކަމަކަށް ދުސްތޫރީ އަދި ގާނޫނީ ޝަރުއިއްޔަތު ލިބިގެން ނުދާނެ ކަމަށެވެ.
"ރެފެރެންޑަމް އަކީ އެއްވެސް ހާލެއްގައި ހުދު މުޚުތާރު ނިޒާމަކުން ހިންގާ ގައިރުދުސްތޫރީ އަމަލުތައް ފޮރުވުމަށްޓަކައި ނުވަތަ އެނޫންވެސް ޝަހްސީ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ނަގާ އެއްޗަކަށްވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުއަސާސީއަކީ ދައުލަތުގެ މުޅި ގާނޫނީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ ފަންޑަމެންޓަލް ޑޮކިއުމެންޓެއް ކަމަށެވެ. އެގޮތުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ގާނޫނު އަސާސީގެ އަސާސީ ސިފަތަކާ ހިލާފަށް ބޭނުންހައި ހިނދަކު ބަދަލުކޮށް އިސްލާހުކޮށްގެން ވާނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެންވެސް ދަންނަ ޝަރްއީ އަދި ގާނުނީ އާންމު އުސޫލަކީ "ބާޠިލު ކަމެއްގެ މައްޗަށް ބިނާވެގެންވާ ކޮނެމެ ކަމަކީ ބާތިލު އެއްޗެއް ކަމަށެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މެންބަރަކު ނިސްބަތްވާ ޕާޓީއެއްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ނުވަތަ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވަކިކުރުމަށް ރިކޯލް އެލެކްޝަން އަކަށް ދިއުމަކީ ދުސްތޫރީ ގޮތުން ސައްހަ އިޖްރާއާތެއް ނޫން ކަމަށެވެ.
ދުސްތޫރީ ނިޒާމުތަކުގައި ރިކޯލް އެކްޝަންގެ އިޖުރާއަތްތައް ހިނގާގޮތަކީ ވަކި އިންތިހާބީ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ ދާއިރާގެ ރައްޔިތުންގެ މަސްލަޙަތަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ މެންބަރަކު މަސައްކަތް ކުރަނީ ޕާޓީގެ މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ނަގާ ވޯޓުން އެ މެންބަރު ވަކިކުރުމަށް ފާސްވެއްޖެނަމަ އެ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި އެ ވަކިކުރެވުނު މެންބަރަށްވެސް ބައިވެރިވުމުގެ ހައްގު ލިބިގެންދާނެ. އަދި ދެވަނަ ފަހަރަށް އިންތިހާބު ވެއްޖެނަމަ، ބުނެވުނު ޑިޕޮޒިޓް ފައިސާ އެ މެންބަރުގެ އިންތިހާބީ ކެމްޕޭނަށް ހިނގި ޚަރަދުގޮތުގައި އެ މެންބަރަކަށް ލިބިދޭގޮތަށް ހަމަޖެހިފައި އޮވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ގޮތުން ނުފޫޒުގަދަ މަހުޖަނުންގެ މަސްލަހަތަށް ކަމަށް އެ ދާއިރާގެ ރައްޔިތުންނަށް ގަބޫލުކުރެވިއްޖެނަމަ، އެ ދާއިރާގެ ކަނޑައެޅޭ ވަކި ނިސްބަތެއްގެ ރައްޔިތުންގެ ހުށަހެޅުމަކަށް، އަދި ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކި ކުރުމަށް އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގޭނެ ކަމަށެވެ.
އަބްދުﷲ ދީދީ ފާހަގަކުރެވެނީ ރައީސް މުއިއްޒުގެ މި ސަރުކާރުން ކުރަމުން ގެންދާ ގާނޫނާއި ހިލާފު ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ފެނަކަ ގޮވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން ކޯޓަށް
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
ފުލެޓް ދޭއިރު ޝަރުއީ ދާއިރާއަށް ހާއްސަ އިސްކަމެއް