ހޮލީވުޑްގައި މަސައްކަތް ކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން މަޝްހޫރު ތަރި ޓޮމް ކްރޫޒްއަށް އޭނާގެ ފުރަތަމަ އޮސްކާ އެވޯޑް ލިބިއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ގަވާނާސް އެެވޯޑުގައި ޓޮމްއަށް ލިބިފައިވަނީ ލައިފްޓައިމް އެޗީވްމަންޓް އޮނޮރަރީ އެވޯޑެވެ. އޭނާއަށް އެ އެވޯޑް ހަވާލުކުރީ ޑައިރެކްޓަރު އެލެޖެންޑްރޯ އިނަރިޓޯ އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަމުން ޓޮމް ބުނީ ފިލްމީ މަސައްކަތްތައް ކުރުމަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށާއި ވަރަށް ޅަ އުމުރުން ފެށިގެން ފިލްމީ ކަންކަމަށް ހިތް ޖެހުނު ކަމަށެވެ.
އެ އެވޯޑް އޭނާ ސިފަކޮށްފައިވަނީ މުޅި ދިރިއުޅުމުގައި އޭނާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހާސިލްވި ޝަރަފެއްގެ ގޮތުގަ އެވެ.
"މިކަމުން އަހަރެންގެ ދިރިއުޅުމަށް މަގުސަދެއް ލިބޭ. މީހުންގެ ތެރޭގައި ހުންނަ ތަފާތުތަކަށް އިހުތިރާމް ކުރަން ދަސްވޭ. އަހަރުމެންނަކީ އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަން އިހްސާސްވޭ." ކުޑަކޮށް ރޮވިފައިި ހުރި ޓޮމް ބުންޏެވެ.
މީގެ އިތުރުން ވެސް ޓޮމް ވަނީ އޭނާގެ ދަތުރުގައި އެހީވެދިން އެތައް ހާސް މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ޓެކްނިކަލް ސްޓާފުންގެ އިތުރުން ބެލުންތެރިން ވެސް އޭނާ ހިމެނި އެވެ.
މީގެ ކުރިން ޓޮމްއަށް ހަތަރު އޮސްކާ އެވޯޑް ނޮމިނޭޝަން ލިބުނު ނަމަވެސް އެއިން އެއްވެސް ފަހަރަކު އޭނާއަށް އެވޯޑް ލިބޭ ގޮތެއް ނުވެ އެވެ. އެހެން ކަމުން މި އެވޯޑަކީ އޭނާއަށް ވަކިން ހާއްސަ އެވޯޑެކެވެ.
އައްޑޫ ހިތަދޫގެ ބައެއް ގެތަކަށް ފެން ލިބުމުގައި ދަތިތަކެއް!
ޓްރަމްޕްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
ޗެމްޕިއަންސް ލީގު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު!