އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމަށް ބުނެ ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް 407 ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.
ސަރުކާރުން މާލޭގައި ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީ އާ ހަވާލުކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އެމްޓީސީ އާ އެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަހަރުގެ މެދު ތެރޭގައި ޓެކްސީ ލައިން މާލެ ސަރަހައްދަށް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި ޓެކްސީ ހިދުމަތާ ގުޅުމުގެ ފުރުސަތު ފުލް ޓައިމްކޮށްނާއި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޓެކްސީގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން މިހާރު ބުނަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ. އެމްޓީސީސީން ޑްރައިވަރުން ހޯދަން ކުރި އިއުލާނެއްގައިވާ ގޮތުން 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.
އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ މައްސަލައާ ހެދި އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދިކަމަށް ބުނެ އެވެ.
ކުރިން މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލެއިން ތިން ބިމެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ކުރިން އިއުލާނުކޮށްފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ.
އޮކްޓޯބަރު3 ގެ މުޒާރާގެ ހައްޔަރީންނަށް ދައުވާ ނުކުރަން ނިންމައިފި
ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފި
ވީއައިުއޭގައި އީގޭޓްތައް ހަރުކުރަން ފަށައިފި