ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނަށްޖެހޭ ސަބަބެއް ނެތް ކަމަށާއި ވެރިކަމުގެ ނިޒާމަކީ އެހާ ފަސޭހައިން ބަދަލުކުރެވޭ ނިޒާމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މަގާމުވެސް ފުރުއްވި މޫސާ މަނިކު މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ނެވެ.

މިޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ވެރިކަން ހިންގުމުގެ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުވެސް ގެނެވޭނެ ކަމަށެވެ. 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓްގައި ބަރުލަމާނީއަކަށް ތާއީދު ކުރެއްވި ނަމަވެސް މިހާރު އެ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށްވެސް މޫސާ ވިދާޅުވި އެވެ.

ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ މޫސާމަނިކު ވިދާޅުވީ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް މެސެޖަކުން އެކަން ދެންނެވުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށާ އެކަމަށް އާންމުން ޖޯކުވެސް ޖަހާނެ ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތަށް ނިޒާމެއް ބަދަލެއް ނުކުރެވޭނެ ކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ދިނީ ރިޔާސީ ނިޒާމު ހިންގަން ކަމަށެވެ. އަދި ރައީސް ނަޝީދަށް ބޮޑު ވަޒީރުކަން ދީ މުޅި ނިޒާމް ކަޑުބަޑު ކުރާކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.