ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭ ގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދުނު މައްސަލަ މަޖިލީހުން ބޭރުކޮށްލުމަށް ފަހު އެމައްސަލަ މިއަދު އަލުން މަޖިލީހަށް ހުށައަޅާ އެމައްސަލަ ދިރާސާ ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭ ގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދުނު މައްސަލަ މަޖިލީހުން އިއްޔެ ބޭރުކޮށްލުމަށް ފަހު މިއަދުގެ ޖަލްސާގައި އެމައްސަލަ ހުށައަޅަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު އަނެއްކާވެސް އެމައްސަލަ މަޖިލީހަށް ހުށަހެޅީ މިނިސްޓަރު އެދިވަޑައިގެންނެވި ކަންކަމަށް ފަރުވާއެއް ލިބިފައި ނުވާތީ ކަމަށެވެ.

މިއަދު ބޭއްވި ޖަލްސާގައި މިގޮތަށް ކޮމިޓީއެއް ހަދަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ. އެ ހުށަހެޅުން ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ. މި ވަގުތީ ކޮމިޓީގައި ހިމެނެނީ މެމްބަރު މުހައްމަދު އަސްލަމް، މެމްބަރު އިލިޔާސް ލަބީބް، މެމްބަރު ޔައުގޫބް އަބްދުﷲ، މެމްބަރު ހުސައިން ޝަހީމް، މެމްބަރު އިބްރާހިމް ނަސީމް، މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މެމްބަރު ގާސިމު އިބްރާހިމް، މެމްބަރު މުހައްމަދު ސައީދު އަދި މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. މި މެމްބަރުން ކޮމިޓީގައި ހިމެނުމަށް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްއެވެ.

އިއްޔެ ބޭއްވި ޖަލްސާގައި ވެސް މިފަދަ ކޮމިޓީއެއް ހެދުމަށް ހުށަހެޅުނެވެ. އެހެން ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ.

މިދިޔަ އަހަރު ސަރުކާރުން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލުކުރުން ވަނީ އެއް އަހަރަށް ސަސްޕެންޑުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް އިތުރުކޮށް ދިނުމަށް އެދިފަ އެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާ ގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ފިނޭންސުން މަޖިލީހުގައި އެދިފައިވެ އެވެ.