އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) ރާއްޖޭގައި ބޭއްވި ތަމްރީނު ދިނުމުގެ ސިލްސިލާ ޕްރޮގްރާމާއި، ފިކުރީ ދާއިރާ އަށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ނިންމާލައިފި އެވެ.
މިއީ، ހަރުކަށިކަމާ ދެކޮޅަށް މަސއްކަތްކުރާ ގައުމީ ފަރާތްތަކުގެ ގާބިލިއްޔަތުކަން ކުރިއަރުވައި، ފިކުރީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް އަމާޒުކޮށް އެ ކޯލިޝަންގެ އިސްތިރާޖީ އިސްނެގުމުގެ މަތިން "ޕްރިވެންޝަން" ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ނިންމާލި ދުވަހު ފާހަގަކުރެވިގެންދިޔައީ، "ފިކުރީ ހައްދުފަހަނައެޅުމުގެ އަލާމާތްތަކާއި އޭގެ ނުރައްކާތައް" މި ނަމުގައި، ސަޢޫދީ އަރަބިޔާގެ އުއްމުލް ގުރާ ޔުނިވާސިޓީގެ އިސްލާމީ ފިގްހު ގެ ދާއިރާގެ ޕްރޮފެސަރ ޑރ. އާރިފު އަވަޟް އައްރިކާބީ ދެއްވި ލެކްޗާއެވެ. މިއީ، މި ވޯކްޝޮޕްގެ އެންމެ ފަހު އައިޓަމެވެ. މި ލެކްޗާ އަޑުއެއްސެވުމަށް ޓަކައި، މިނިސްޓްރީ އޮފް ޑިފެންސާއި، ފުލުހުންނާއި ދިވެހިރާއްޖޭގެ ކަސްޓަމްސް ގެ އިސް ބައެއް ބޭފުޅުން ހާޒިރުވެ ވަޑައިގެންނެވި އެވެ.
މި ލެކްޗާ ފޯކަސްކުރެއްވީ، ހަރުކަށި ފިކުރު ގެންގުޅޭކަން ފިކުރީގޮތުން ފުރަތަމަކޮޅު އަންގައިދޭ ކަންތައްތައް ތަޙުލީލުކުރުމަށާއި، ތައުލީމީ އަދި އިޖްތިމާއީ މާހައުލުތަކުގައި ހައްދުން ނާއްޓައިދިއުމުގެ ފިކުރުތައް އުފެދިގެން ދިއުމުގެ ގޮތްތައް އޮޅުންފިލުވައިދެއްވުމަށާއި، ހަރުކަށި ފިކުރުގެ ސަބަބުން މުޖްތަމަޢުތަކުގެ ސަލާމަތާއި، އިސްތިގްރާރަށް ހުރި ނުރައްކާތައް ދައްކަވާދެއްވުމަށެވެ.
ޑރ. ރިކާބީ ދެއްވި ލެކްޗާ ގައި އަލިއަޅުއްވާލެއްވި ނުކުތާތަކުގެ ތެރޭގައި، ފިކުރީ ހައްދުފަހަނައެޅުންތައް މޮނިޓަކުރުމަށް ބޭނުންކުރެވޭ އެންމެ ފާހަގަކޮށްލެވޭ އިލްމީ އާލާތްތަކާއި، އެކަށީގެންވާ ތަރުބަވީ ވަސީލަތްތައް ބޭނުންކޮށްގެން އެކަންތައްތަކާ ކުރިމަތިލާނެ ގޮތްތައް ހިމެނެ އެވެ. އޭގެ އިތުރަށް، ހަރުކަށިކަން ނައްތާލައި، މުޖްތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ ބައިނަލް އަގްވާމީ ކާމިޔާބު މޮޑެލްތައް ވެސް ހުށަހަޅުއްވާދެއްވި އެވެ.
މި ހަރަކާތްތައް ބޭއްވިފައިވަނީ، އައިއެމްސީޓީސީ އިން މެމްބަރު ގައުމުތަކުގައި "ޕްރިވެންޝަން" ގެ ނަމުގައި ބޭއްވުމަށް ފަށްޓާފައިވާ ފިކުރީ އިސްނެގުމުގެ ބައެއްގެ ގޮތުގައެވެ. އަމާޒަކީ، ފިކުރީ ހޭލުންތެރިކަމުގެ ލެވެލް މަތިކުރުމާއި، ރައްކާތެރި ތަޢުލީމީ މާހައުލުތަކެއް ބިނާކުރުމަށް ކަމުގެ ހާއްސަ މީހުންނަށް މަގުފަހިކޮށްދިނުމާއި، ހަރުކަށި ފިކުރުގެ ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އެ މީހުންގެ ހުނަރުތައް ކުރިއެރުވުމެވެ. އޭގެ ސަބަބުން، ޒުވާނުން ހިމާޔަތްކޮށް، މުޖްތަމައުތަކުގެ ހަމަޖެހުމަށް އެހީތެރިކަން ދެއެވެ.
ރާއްޖޭގައި ފިކުރީ މައިދާނުގައި އައިއެމްސީޓީސީ އިން ކުރި މަސައްކަތްތައް ނިންމާލަމުން އެ ކޯލިޝަނުން ޔަގީންކޮށްދެނީ، މެމްބަރު ގައުމުތަކަށް އެހީތެރިވުމުގައި ފެންވަރު ރަނގަޅު މަތީ ފެންވަރުގެ ޕްރޮގްރާމްތައް އިތުރަށް ބާއްވާނެ ކަމަށެވެ. އެއީ، މެދުމިނުގެ އުސްލޫބުތައް ހަރުލެއްވުމަށާއި، ތަފާތު އެކި ދާއިރާރަކުގައި، ހަރުކަށިކަމާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުމަށެވެ.
މި އަހަރުގެ މިސް ޔުނިވާސް އަކީ މެކްސިކޯގެ ފާތިމާ
ލަންކާ ސިފައިން އަނެއްކާވެސް ޑްރަގް ބޯޓެއް އަތުލައިގެންފި
މަރު އައިސް ބައްދަލުކުރުމުގެ ކުރިން ނަމާދަށް ރައްކާތެރިވޭ
