އޯވާ ޑްރާފްޓު ކުރާ މައްސަލަ ދިރާސާކުރަން މާލީ ކަންކަމާއި، ހަރަދުތަކާއި، ބަޖެޓާއި، މިނޫންވެސް ކަންކަން ބެލުމަށް މަޖިލީހުގައި އެކުލަވާލާފައިވާ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޝިޒު ބޭރުކޮށް ނުވަ މެމްބަރުންގެ ކޮމިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކުލާލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ނުފޮނުވުމަށް އިއްޔެވެސް ނަޝީދު ވަނީ ވަރަށްބޮޑަށް މަސައްކަތް ކުރައްވާފަ އެވެ.

އެކަމާއި ގުޅިގެން ނާޝިޒުގެ ފާޑުކިޔުން ނަޝީދަށް އަމާޒުވި އެވެ. ނުވަ މެންބަރުން ހިމެނޭ ހާއްސަ ކޮމިޓީއަކަށް ފޮނުވަން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހުށައެޅުއްވުމުން، އެ ހުށައެޅުން ފާސްވީ 51 މެންބަރުންގެ ވޯޓުންނެވެ.

އެއާއެކު ކޮމެޓީއަށް މެންބަރުން އައްޔަން ކުރުމަށް ރިޔާސަތުން ހުޅުވާލުމުން ބިގޭ ވަނީ 9 މެންބަރުންގެ ކޮމޓީއަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މިނިވަން މެންބަރުން ހިމެނޭހެން ނަންތަކެއް ހުށައަޅާފަ އެވެ. އެ ހުށައެޅުމަށް ތާއީދު ލިބިފައިވަނިކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ބިގޭ ހުށައެޅި ނަންތަނުގައި ނާޝިޒްގެ ނަންފުޅު އޮތުމުން އެނަމުގެ ބަދަލުގައި މެންބަރު ބިގޭގެ ނަން ހިމެނުމަށް ހުށައަޅާފަ އެވެ.

ރިޔާސަތުން ވަނީ މެންބަރުންގެ އެއްބަސްވުމާއެކު އެ ނިންމުން އެއްގޮތް ކުރުމަށް އެދިވަޑައިގެންފަ އެވެ. ނަޝީދު އެހެން ވިދާލުވުމުން ބިގޭ ވަނީ، މައްސަލައަކީ އަވަހަށް ނިންމަންޖެހޭ މައްސަލައަކަށްވާތީ މިވަގުތުގެ މަސްލަހަތުކަމަށް ވިދާޅުވެ އޭނާގެ ހުށައެޅުން އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން އެ ކޮމިޓިން ނާޝިޒްގެ ނަން ވަނީ އުނިވެފަ އެވެ.

މިހާރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

  1. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
  2. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  3. ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
  4. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
  5. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
  6. މީދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިޔާމް އަޙްމަދު
  7. މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
  8. މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
  9. އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން

ނުވަ މެމްބަރުން ހިމެނޭ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމެވުމަށްފަހު ނަޝީދު ވިދާޅުވީ، މިއަދާއި މިރޭ މި މަސައްކަތް ކޮމިޓީން ކުރުމަށްފަހު އެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރެވޭ ވަރަށް ނިންމައިދިނުމަށް އެދޭކަމަށެވެ. އަދި ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ޖަލްސާއެއް ބާއްވާ އެ މަސައްކަތް ފާސްކުރައްވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ހަމަ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެޖެންޑާކުރައްވާނީ އާދީއްތަ ދުވަހަށްކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މިއީ މިވަގުތަށް ކޮންމެހެން އަވަސްކުރަން ޖެހޭ މައްސަލައަކަށްވާތީ ޕާޓީތަކުން މާދަމާ ޖަލްސާއެއް ބާއްވާ އެ މައްސަލަ ފާސްކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.