ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތް ސްރީލަންކަންގެ ބޯޓެއްގެ ފަހަތު ފިޔަގަނޑުގައި ސިޑިން ޖެހި ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

ވެލާނާ އެއާޕޯޓުގައި މަތިންދާބޯޓުން މީހުން އަރުވައި ބާލަން ބޭނުން ކުރަނީ އުފުލާ ސިޑިއެކެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 3:15ގައި އެ ބޯޓު ފުރަންވެގެން އުޅެނިކޮށް ކަަމަށެވެ.

މި ހާދިސާގައި ގެއްލުން ލިބުނީ ސްރީލަންކަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓުގެ ފަހަތު ވިންގަކަށެވެ.

ސްރީލަންކަން އެއާލައިންސްގެ ބޯޓުގެ ފިޔަގަނޑަކަށް ގެއްލުންވެފައި. ފޮޓޯ: ސޯޝަލް މީޑިއާ

"މި ގެއްލުމާ ގުޅިގެން ކުރިޔަށް އޮތް ދެ ދުވަހު ވެސް ބޯޓު ނުފުރޭނެ. މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ފުރަން އުޅުނު ބޯޓަކީ މިއަދު ހެނދުނު ފުރަން އޮތް ބޯޓުން ނުދެވުނު މީހުން ގޮވައިގެންދާން އައި ބޯޓެއް ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެ އެއާލައިންގެ ދެ ބޯޓު ވެލާނާ އެއާޕޯޓުގައި ގްރައުންޑްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ މަޑުކޮށްގެން އޮތް ބޯޓަކާއި ވެހިކަލެއް ޖެހި ކުޑަ ހާދިސާއެއް ހިނގި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.