ގއ. ނިލަންދޫ ދެ މިސްކިތެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ބީލަމަށް ލުމެއް ނެތި ވަކި ބަޔަކާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެރަށުގެ ދެ މިސްކިތުގައި ސޯލާތައް ހަރުކުރަން ހަވާލުކޮށްފައި ވަނީ "މޯލީ ޕަވާ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏަކާ ހަވާލުކުރީ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާއަށެވެ.

ގާނޫނު ބުނާގޮތުން 30،000ރ. އަށްވުރެން ބޮޑު މަޝްރޫއެއް ނަމަ އެ މަސައްކަތް ކުރުވަން ޖެހޭނީ ބިޑުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެންނެވެ. ކައުންސިލުން ބޭނުންވާ ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރެވޭނީ، ތިން ވަނަ ފަހަރަށް ވެސް ބިޑަށް ހުޅުވާލުމުން އެއްވެސް ފަރާތަކުން ކުރިމަތި ނުލައިފި ހާލަތެއްގަ އެވެ.

މޯލީ ޕަވާ ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި 45 ދުވަހުގެ މުއްދަތަށް ނިންމުމަށް އެއްބަސްވެފައިވާ މި މަސައްކަތް ނިންމިކަމަށް ބަލައިގަނެ، ސޮއިކޮށްފައި ވަނީ، 29 ސެޕްޓެމްބަރު 2025 ގަ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރަން ކައުންސިލް މެންބަރު އައިޝަތު އަންވަރު ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ވޯޓު ދެއްވާފައިވެ އެވެ.