ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ގޮތަށް ހެދުމަށްޓަކައި، 'ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު' އެއްކޮށް އުވާލަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު، ޕީއެންސީގެ ތާއީދު ނުލިބިގެން މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
އެ ގާނޫނު އެއްކޮށް އުވާލަން މިމަހު ކުރީކޮޅު އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ބަހުސް ނިންމައި، ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި، ޕީއެންސީގެ 48 މެންބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ގާނޫނު އުވާލަން ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ބިލުގައި އޮތީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދަ ހޯދުމަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި ގާނޫނުގެ ދަށުން އެ އެ މިނިވަންކަމަށް ހުރަސް އެޅޭތީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
އޭގެ އިތުރުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަން ބެލެހެއްޓުމަށް، ފުލުހުންނަށް ކޮންމެހެން ލިބިދޭން ޖެހޭ ބާރާއި އިހުތިޔާރު، އެހެން ގާނޫނުތަކުގައި މިހާރު ފުރިހަމައަށް ކަނޑައަޅާފައިވާތީ، މި ގާނޫނު ވުޖޫދުގައި އޮތުމަކީ، ބޭނުންތެރިކަމެއް ކަމަށް ނުވާތީ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ފެބްރުއަރީ 2012ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމާ ގުޅިގެން އެ ޕާޓީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒަހާރާތައް ހުއްޓުވުމަށްޓަކައި، މި ގާނޫނު ވުޖޫދު ކުރީ، 2013ގައި އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016ގައި އެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް، އެ ހައްގު ތައް ވަނީ އިތުރަށް ހަނިކޮށްފަ އެވެ.
އެ ހައްގުތައް ހަނިކުރަން އޭރު ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް 17 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހަކީ، ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި މުޒާހަރާކުރުމަށް ފުލުހުންގެ ހުއްދައެއް ދުރާލާ ހޯދަން ޖެހޭގޮތަށް ވަނީ ހަދާފަ އެވެ. އެ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން އޭރު އިއުލާން ކުރީ މާލޭގައި ހުއްދަ ނުހޯދައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ގޮތުގައި އެ ގާނޫނު، ގާނޫނުއަސާސީއާ ހިލާފުވާތީ އެ ޕާޓީން އެ ގާނޫނު ބަލައެއްނުގަނެ، މުޒާހަރާތައް ކުރިއަށް ގެންދާނެކަން އިއުލާންކުރެއްވި އެވެ.
ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެ ގާނޫނު އިސްލާހު ކުރައްވާނެ ކަމުގެ ވައުދާއެކު ނަމަވެސް ވެރިކަން ނިމިގެންދިޔައީ އެ ވައުދު ނުފުއްދަ އެވެ. އެހެން ނަމަވެސް އެ ގާނޫނު އުވާލަން މިހާރު އެންމެ އަޑުގަދަކޮށް މަސައްކަތް ކުރަމުން ގެންދަނީ ވެސް އެމްޑީޕީންނެވެ.
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް އަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތަށް