ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ތަރިއެއް ކަމަށްވާ ސެލީނާ ޖެއިޓްލީ އޭނާގެ ފިރިމީހާ ޕީޓާ ހޭގްއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި އެވެ.

މުމްބާއީގެ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ އަންގާރަ ދުވަހު ސެލީނާ ހުށައެޅި އެ މައްސަލާގައި ޕީޓާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މަކަރާއި ހީލަތުން ސެލީނާގެ މުދާ ބޭނުންކުރުމާއި ނުފޫޒު ފޯރުވުމުގެ އިތުރުން ގެވެށި އަނިޔާ ކުރި ކަމަށެވެ.

ސެލީނާ ވަނީ އޭނާއަށް ލިބުނު ނަފްސާނީ އަދި މާލީ ގެއްލުމުގެ ބަދަލުގައި ޕީޓާގެ ފަރާތުން 50 ކްރޯޑް ރުޕީސް ހޯދައިދިނުމަށް ކޯޓުގައި އެދިފަ އެވެ.

އޮސްޓްރިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕީޓާއާ ސެލީނާ ކައިވެނިކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދެމީހުންނަށް ދެ ފަހަރު މަތިން އެއްމާބަނޑު ދެބެއިން ވަނީ ލިބިފަ އެވެ.

ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ތުހުމަތު ކޮށްފައި މިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މޭޖާ ވިކްރާންތު ޖެއިޓްލީ ގަވާއިދާ ޚިލާފަށް ދުބާއީގައި ހައްޔަރު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

2001 ވަނަ އަހަރުގެ މިސް ޔުނިވާސްގައި އިންޑިއާ ތަމްސީލު ކޮށްދިން ސެލީނާ ވަނީ "ނޯ އެންޓްރީ"، "ތޭންކްޔޫ" އަދި "ގޯލްމާލް ރިޓާންސް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.