ކުރިއަށް އޮތް 20 އަހަރު ތެރޭގައި ވެސް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގަބޫލު ނުކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޕަމް ކޭރް ބުނެފި އެވެ.

އަނުޕަމް މި ބީދައިން ވާހަކަ ދައްކާފައިވަނީ މިހާރު ކުރިއަށްދާ 56 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގައި އޭނާގެ ފިލްމީ ހަޔާތާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

އެގޮތުން އަނުޕަމް ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމު "ސާރާންޝް"ގެ މަސައްކަތް ފެށުމުގެ ވެސް ކުރިން އޭނާ އެ ފިލްމުން ބޭރުކޮށްލި ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

މަހޭޝް ބަޓްގެ އެ ފިލްމަށް އޭނާގެ ބަދަލުގައި ސަންޖީވް ކުމާރު ނެގުމުން އެކަމާ ރުޅި އައިސްގެން މަހޭޝްއާ ދިމާލަށް އޭނާއަކީ ބޮޑު ހީލަތްތެރިއެއް ކަމަށް ބުނި ކަމަށް ވެސް އަނުޕަމް ބުންޏެވެ.

އޭގެ 56 އަހަރު ފަހުން އަނުޕަމް މިހާރު އަންނަނީ އޭނާގެ 550 ވަނަ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުންނެވެ. މި މުއްދަތުގައި އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

އަނުޕަމް އިތުރަށް ބުނީ އޭނާއަކީ ވެޓެރަން އެކްޓަރެއްގެ ގޮތުގައި މުހާތަބު ނުކުރަން މީޑިއާތަކަށް އަންގާފައިވާނެ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ރިޓަޔާ ކުރަން ނުވިސްނާ ކަމަށެވެ.

އަނުޕަމް ވަނީ އޭނާގެ ދިގު ކެރިއަރުގައި ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ.