މަޝްހޫރު ލަވަކިޔުންތެރިޔާ ލިއަމް ޕޭންގެ މަރުގެ ޒިންމާ އިނގިރޭސި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ ސައިމަން ކޮވެލް ނަގަންޖެހޭ ކަމަށް ބުނާ މީހުންނަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.

މިފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ސައިމަން ބުނީ އެފަދަ ހަބަރުތައް އޭނާ ނުކިޔާ ކަމަށާއި އެ ހަބަރުތަކުން ލިބޭނީ ހަމައެކަނި ނުތަނަވަސްކަން ކަމަށެވެ.

"އެއްވެސް މީހެއްގެ ދިރިއުޅުމަށް އަނެކާ ޒިންމާވާން ޖެހޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން. ހާއްސަކޮށް އެ މީހަކާ އެއްކޮށް މަސައްކަތް ކުރިތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން" ސައިމަން ބުންޏެވެ.

ސައިމަންއަކީ ލިއަމްއާއި އޭނާގެ ބޭންޑް ކަމަށްވާ "ވަން ޑައިރެކްޝަން" އާއްމުންގެ ސަމާލުކަމަށް އައި ޝޯވް ކަމަށްވާ "އެކްސް ފެކްޓާ"ގެ ޕްރޮޑިއުސަރެވެ. ޝޯގެ ފަހުން ސައިމަން ވަނީ އޭނާގެ އަމިއްލަ ރެކޯޑް ލޭބަލް ސައިކޯ ރެކޯޑްސްއިން ވަނީ އެ ބޭންޑްއާއެކު މަސައްކަތް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނިން ވެއްޓި ލިއަމް މަރުވުމާއެކު އެ ހާދިސާ ހިނގީ "ވަން ޑިރެކްޝަން"އަށް ސައިމަންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

ލިއަމްގެ މަރަށްފަހު އާއްމުވި މެޑިކަލް ރިޕޯޓުތަކުން ހާމަވި ގޮތުގައި އޭނާ މަރުވިއިރު އޭނާގެ ހަށިގަނޑުގައި މަސްތުވާ ތަކެތީގެ އަސަރު ހުއްޓެވެ.