ހަ ފަހަރު މަތިން އެންގޭޖްވެ ހަތަރު ކައިވެންޏެއް ކޮށް ވަރިވެފައިވާ އެކްޓަރު ޖެނިފާ ލޮޕޭޒް (ޖޭލޯ) އެންގޭޖްމަންޓް އަނގޮޓި ވިއްކަން ފަށައިފި އެވެ.

ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޖޭލޯ ވަނީ ދާދި ފަހުން ތުރުކީގެ ލަގްޒަރީ ޖުވެލަރީ ބްރޭންޑެއް ކަމަށްވާ ހޯކްސް ސްޕާކްލާސްގެ ބްރޭންޑް އެމްބެސެޑަރުކަމާ ހަވާލުވެފަ އެވެ.

އެ ބްރޭންޑްގެ މައިގަނޑު އެއް ޕްރޮޑަކްޓަކީ އެންގޭޖްމަންޓް އަނގޮޓިތައް ކަމަށްވުމާއެކު އޭނާ މިހާރު އުޅެނީ އަނގޮޓި ވިއްކުމުގެ ވިޔަފާރީގައި ކަމަށް ގިނަ މީހުން ބުނެ އެވެ.

އެއާއެކު ދެން ފެންމަތިވި ހަބަރަކީ އެ ބްރޭންޑްގެ މަސައްކަތްތަކުގައި އުޅޭއިރު އޭނާގެ އަމިއްލަ އަނގޮޓިތައް ވިއްކާލަފާނެ ކަމަށް ބުނެ ފެތުރުނު ހަބަރެކެވެ.

ވަރަށް ހަގު އުމުރެއްގައި އޭނާގެ ފުރަތަމަ ކައިވެނިކުރި ޖޭލޯގެ މިލްކިއްޔާތުގައި ހަ އެންގޭޖްމަންޓް އަނގޮޓި ހުންނާނެ އެވެ. އެހެން ކަމުން އޭނާއަކީ އެ ކަމަށް އެންމެ އަކަށޭނަ މީހާ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.

ބެން އެފްލެކްއާއެކު ކުރެވުނު ކައިވެނި ދެ އަހަރަށްފަހު 2024 ވަނަ އަހަރު ރޫޅުނު ފަހުން ޖޭލޯ މިހާރު އުޅެނީ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިގެންނެއް ނޫނެވެ.