ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން ދީފައި ހުރި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓްތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާ ކޮށްދިނުމަށް މިއަދު ހުށަހަޅައިފި އެވެ.

ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ސޮއިކޮށް އާޒިމްއަށް ފޮނުއްވާފައިވާ ސިޓީގައި އެދިފައި ވަނީ ހަތަރު ކަމެއް ސިޓީ ކައުންސިލްގެ އެޖެންޑާގައި ހިމަނައިދިނުމަށެވެ. އެގޮތުން މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ދޫކޮށްފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށްފަހު، އަގާއި ޝަރުތުތަކަށް ބަދަލު ގެންނައުމަށް ނުވަތަ އުވައިލުމުގެ މަސައްކަތް ފެށުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އެ ސިޓީގައި ވަނީ، ވަރަށް ފަހުން އެ ކައުންސިލުން އާންމުކުރި މާލޭގެ ބިންތަކުގެ ތަފްސީލުތައް ހުރި ލިސްޓުގައި ކުށް ހުރި ކަމަށާއި ފުރިހަމަނުވާ މައުލޫމާތު ހުރިކަމަށް ފާހަގަކޮށްފައި އެވެ.

މާލެއާއި ވިލިމާލޭއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލުތައް މާލެ ސިޓީ ކައުންސިލުން އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭގެ މިސާލެއްގެ ގޮތުން ސިޓީގައި ވަނީ، ވަސްމީރު ޕްރައިވެޓް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަލިމަސް ކާނިވަލުން ކުއްޔަށް ދީފައިވާ ބިމުގެ ބޮޑުމިނަކީ، 1،309 އަކަފޫޓު ކަމަށެވެ. ނަމަވެސް، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މިދިޔަ މަހު 30ގައި ސޮއިކުރައްވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި އެ ބިމުގެ ބޮނުމިނެއް ކަމަށް އޮތީ 2،530 ކަމަށެވެ. އެއީ، 1،221 އަކަފޫޓުގެ ތަފާތެއް ކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ދެވަނަ ކަމަކަށް އެ ސިޓީގައި ކައުންސިލަރުން ފާހަގަކުރެއްވީ، ކައުންސިލުން ބިން ދޫކުރުމުގައި އެއްވެސް ހަމައެއް ލަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ. އެގޮތުން، ސައިޒާއި ލޮކޭޝަނާއި އަގުގައި މިންގަނޑެއް ނެތް ކަމަށާއި އެއްތާކުން ދެ ބަޔަކަށް ދޭ ދެ ބިމެއްގައި ވެސް އަގުގެ ފަރަގު އިންތިހާއަށް ހުރި ކަމަށް ބުނެފައިވެ އެވެ.

"މިސާލަކަށް ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑުން އަލިމަސް ކާނިވަލުން ދީފައިވާ 2،026 އަކަފޫޓުގެ ބިމެވެ. މަހު ކުއްޔަކީ 29،260 ރުފިޔާއެވެ. މުއްދަތަކީ 20 އަހަރެވެ. އަޕްފްރަންޓް ޕޭމަންޓެއްގެ ގޮތުގައި 500،000 ނަގާފައިވެއެވެ. ހަމަ ޖެހިގެން އައި ދުވަހު ހަމަ އެސައިޒުގެ ބިމެއް، ހަމަ އަލިމަސް ކާނިވަލުން، ހަމަ އެ ޝަރުޠުތަކުގެ މައްޗަށް ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑަށް ދިނީ މަހަކު އެންމެ 10،000 ރުފިޔާއަށެވެ." އެ ސިޓީގައިވެ އެވެ.

ސިޓީ ކައުންސިލުން ނެރުނު ދަފުތަރުން ދައްކާ ގޮތުގައި އެ ބިންތައް ހަވާލުކުރީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި، ސެޕްޓެމްބަރު 2023ގައެވެ.

އޭގެ އިތުރަށް، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، ޖޫން 14، 2023ގައި މާލެ ސިޓީ ކައުންސިލްގެ ހިންގާ ގަވައިދަށް ބަދަލު ގެނެސް، ދިގު އަދި ކުރު މުއްދަތަކަށް ވިޔަސް ހުސް ޖާގައެއް ކުއްޔަށް ދޫކުރާނަމަ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގޮތަށް ހެދި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ފަހުން ވެސް، 18 ބިން ކުއްޔަށް ދޫކުރިކަން އާންމުކުރި ލިސްޓުން އެނގޭ ކަމަށް ކައުންސިލަރުން ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އިވޭ ގޮތުގައި އެ ބިންތައް ކުއްޔަށް ދިނީ ޕްރޮޖެކްޓުތަކާ އަޅުވައެވެ. ނުވަތަ ވަކި އިންވެސްޓުމަންޓުތަކެއް ޝަރުތުކޮށްފައެވެ. ބިން ދެނީވިއްޔާ ކައުންސިލްގެ ފްލޯއިން ނިންމުމަކީ، ޖޫން 14، 2023ގެ ފަހުން ލާޒިމު ކަމެއް," ސިޓީގައި އިތުރަށް ތަފުސީލުކޮށްފައިވެ އެވެ.

އެ ކައުންސިލަރުން ވިދާޅުވި ގޮތުގައި، ބައެއް ބިންތައް ދީފައި ހުރީ އިންވެސްޓުމަންޓުތައް ގެންނަން ޝަރުތުކޮށްފައެވެ. ނުވަތަ ކުނިކަހާ ސާފުކުރުން ފަދަ ސިޓީ ކައުންސިލުން ކުރަމުންދާ އާދައިގެ ކަންކަމާ އަޅުވާފައި ކަމަށް އެ ކައުންސިލަރުން ވަނީ ވިދާޅުވެފަ އެވެ.

އެ ބިންތަކުގައި ޚިދުމަތްތައް ފޯރުކޮށްނުދޭ ކަމަށާއި އިންވެސްޓުމަންޓްތަކެއް ވެސް ނުގެންނަ ކަމަށް ސިޓީގައި ވަނީ ބުނެ އެވެ. ނަމަވެސް، އެ ބިންތަކުގައި "ގަދަޔަށް" ވިޔަފާރި ކުރާކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ކޮންމެއަކަސް، މިދެންނެވި 18 ބިން ދޭކަށް ކައުންސިލްގެ ފްލޯއަކަށް ހަމަ ގައިމު ނުގެނެއެވެ. މި ބިންތަކާބެހޭ ކޮންޓްރެކްޓްތައް ސައްހަވާނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެ އެވެ. މިއީ އުފެދުމުގައި ވެސް ބާޠިލު އެއްބަސްވުންތަކެކެވެ." ސިޓީގައިވެ އެވެ.

އެހެންވެ، މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ބިންތައް ދޫކޮށްފައިވާ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށާއި އެ ކަންކަމަށް ބަދަލު ގެނައުމަށް ނުވަތަ ކޮންޓްރެކްޓުތައް އުވާލަން ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ކައުންސިލަރުން ވަނީ ހުށަހަޅުއްވާފަ އެވެ.

އެއާއެކު، ބިން ލިބުނު މީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ މިންވަރު ހާމަކޮށްދިނުމަށާއި އެކަން ނުކުރާ މީހުންގެ ބިން ވަކިކުރުމަށް ފިޔަވަޅު އެޅުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ކައުންސިލްގެ ހިންގާ ގަވައިދަށް އިސްލާހު ގެނައި ފަހުން ޖަލްސާއަށް ހުށަނާޅާ، އެ ޖަލްސާގެ އަގުލަބިއްޔަތު ވޯޓަކުން ފާސްނުކޮށް، ދީފައިވާ ހުރިހާ ބިމެއް ވަގުތުން އަތުލުމާ މެދު ގޮތެއް ނިންމަން ވެސް ވަނީ އެދިފަ އެވެ.

އެ ކައުންސިލަރުން އެދިވަޑައިގަތީ އެކަންކަމާ މެދު މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އިއުލާނާ އެކު މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކުރި ފުލެޓުތަކާއި ބިންބިމާއި ތަންތަނާއި ފައްތިޔާތަކާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާކެޓުތަކުން ކުއްޔަށް ދޫކުރި ގޮޅިތަކުގެ ތަފުސީލުތައް ވަނީ ވަކިވަކިން އާންމުކޮށްފަ އެވެ.

އެގޮތުން ސިޓީގައި، މާލޭގެ ބިންތަކުގެ ދަފުތަރު އާންމުކުރިއިރު، އޭގައި ހުރި ބައެއް ކުށްތަކާއި އެހެނިހެން ލިޔުންތަކުން ފެންނާން ހުރި މައުލޫމާތާ ފުށުއަރާ ކަންކަން ވެސް ފާހަގަކޮށް އެ ކަންކަން ވެސް އިސްލާހު ކުރުމަށް ސިޓީގައި ވަނީ އެދިފަ އެވެ.