ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކަށް އަނިޔާއެއްވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ މުޅިން އާ ބިލެއް ހުށަހަޅައިފި އެވެ.
މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު ޝަމިން ހަބީބެވެ.
ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ގާނޫނީ ކުށެއް ކަމަށް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ބިލްގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. އެ ގޮތަށް ދުއްވައިގެން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހާރައި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ. އެ ގޮތަށް ދުއްވައިގެން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.
އެ ގޮތަށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވިޔަސް އެކްސިޑެންޓެއް ވެއްޖެނަމަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވެ އެވެ.
މީގެއިތުރުން ކުށްކުރި މީހާއަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުމުގެ ހައްގު އަތުލެވޭ ގޮތަށް ވެސް ބިލުގައި މާއްދާއެއް ހިމެނެ އެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ލައިސެންސެއް އޮތް ނަމަ ބާތިލްކުރާ ކުރެވޭނެ އެވެ. އަދި ލައިސެންސެއް ނެތް ނަމަ ލައިސެންސަށް އެދި ހުށަހެޅުން މަނާވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ
ލައިސެންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް އެއްގަމު އުޅަނދެއް ހަވާލުކޮށްގެން އެއިން ކަމެއް ކުރިމަތިވެގެން އުޅަނދުގެ ވެރިފަރާތަށް ވެސް އެ ވަރުގެ އަދަބުތަކެއް ދެވޭނެ ކަމަށް ބިލްގައި ހިމަނާފައިވެ އެވެ. އެ ހާލަތުގައި ޖަލު އަދަބުގެ ބަދަލުގައި ވެރިފަރާތަށް ޖޫރިމަނާގެ އަދަބެއް ކަނޑައެޅޭނެ އެވެ.
އެ ގޮތުން މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށް ލުމެވެ. މި ހާލަތުގައި ޖޫރިމަނާގެ އަދަބެއް ދެވޭ އިހުތިޔާރެއް ނުލިބޭ މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމަނާފައިވެ އެވެ.
އެފަދަ ގޮތަކަށް ދުއްވައިގެން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން އަނިޔާއެއް ނުލިބުނަސް ލައިސެންސް ނެތް މީހަަކަށް އުޅަނދު ދީފިނަމަ ނުވަތަ ފަހަތު ސީޓުގައި އިންނަ މީހަކަށް ހުންގާނު ދީފިނަމަ 25،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެއް ދެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓަމިނަލަށް ބަދަލު ނުވެ ލަސްވަނީ
