ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީސް ހިންގަން އެއްވެސް ފައިސާއެއް ދުވަހަކު ވެސް ދައުލަތުން ހޯދާފައިނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް 175،000ރ ގެ ފައިސާގެ އިނާޔަތެއް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެ އިނާޔަތް އުވާލަން ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
އެ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވަނީ ރައީސް ޔާމީނަށް ނިސްބަތްކޮށް އެކި ވާހަކަތައް ދައްކާފަ އެވެ.
ދައުލަތުން ފައިސާ ލިބިގެން ރައީސް ޔާމީންގެ ގެކޮޅުގައި ސިޔާސީ ހަރަކާތްތައް ހިންގާކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ފަލާހުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ ރައީސްކަން ކުރައްވާ ވަކިވެވަޑައިގެންނެވި ފަހުން ހަތް އަހަރުގެ ދިގު މުއްދަތެއް ފަހަނަ އަޅާ ގޮސްފައިވާއިރު އެއިން އެންމެ ދުވަހެއްގައިވެސް ދައުލަތުގެ ބަޖެޓުން އެމަނިކުފާނުގެ އޮފީސް ހިންގަންވެސް އަދި އާއިލާއަށާއި އަމިއްލަފުޅު ބޭސްފަރުވާއަށްވެސް ލޯލާރިއެއްވެސް ހޭދަކުރައްވާފައި ނުވާނެ ކަމަށެވެ.
"ރައީސް ކަމުން ވަކިވިތާ ހަތް އަހަރުވީއިރު ސަރުކާރުގެ ބަޖެޓުން ލޯ ލާރިއެއްވެސް ނޯންނާނެ ނަގާފައި އޮފީސް ހިންގަން. ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު އަޅުގަޑެއް އަޅުގަނޑުގެ އަނބިމީހާއެއް ނޯންނާނެ ޑޮކްޓަރަށް ދައްކާ އެންމެ ބިލެއްވެސް ދައުލަތަށް ފޮނުވާފައި. އިނާޔާތްތައް އުނި ކުރިޔަސް އަޅުގަނޑަށް ވާނެ ގެއްލުމެއް ނޯންނާނެ، ގެއްލުން ވަންޏާ ވާނީ ފަލާހުމެންގެ ރައީސަށް ފަހުން. ރައީސް ޔާމީންއޭ ކިޔާ އަނގަފުޅާ ކުރިވަރަކަށް ބޭލޭނީ ފަލާހުމެންގެ ސޯޓު،" ޔާމީން ވިދާޅުވި އެވެ.
މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި ވަނީ އޮފީސް ހިންގުމަށް ކުރީގެ ރައީސުންނަށް ފައިސާ ނުދޭގޮތަށް ހެދުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔާތެއް ދިނުމަށެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގަބޫލެއް ނުކުރާނަން: އަނުޕަމް
މެންބަރުންގެ ވަކި އަދަދެއް ޒުވާނުންނަށް ހާއްސަކުރަން ހުށަހަޅައިފި
ލިއަމްގެ މަރުގެ ތުހުމަތު އެޅުވުމުން ސައިމަންގެ ހޫނު ރައްދެއް!
