ކޭޝްފްލޯ މެނޭޖް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން މިއަދު ބާއްވަން މަސައްކަތް ކުރި ހާއްސަ ޖަލްސާ ނުބޭއްވި ފަސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު އެ ތިން މައްދާ ސަސްޕެންޑް ކުރީ އެއް އަހަރަށެވެ.

އިއްޔެ މަޖިލީހުގެ ތެރެއިން ވަގުތީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް ތިން މާއްދާ އިތުރު އަހަރަަކަށް ސަސްޕެންޑް ކުރަން ކޮމެޓީގެ އައުލަބިއްޔަތުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެކަން މުޅީން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޯވާޑްރާފްޓްގެ މައްސަލަައާމެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެނަމަ މިއަދު ޖަލްސާއެއް ބާއްވަވާނެ ކަމަށެވެ. ނޫން ނަމަ އާދީއްތަ ދުވަހު ޖަލްސާ ބާއްވަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެދުމާ އެއްގޮތަށް މިއަދު ޖަލްސާ ބާއްވަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތާއީދު ލިބޭގޮތެއް ނުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް "ވިދާޅުވީ މިއަދު ޖަލްސާ ބާއްވަން ބޭނުން ނުވީ އޯވާ ޑްރާފްޓްގެ މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރަން ވަގުތު ބޭނުންވާތީ" ކަމަށެވެ.