އަންނަ އަހަރު އުތުރު އެމެރިކާގެ ގައުމުތަކުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ނިންމާފައި ވަނީ އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނެޑާގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ 48 ގައުމެއް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. 39 ދުވަހަށް ދެމިގެންދާ ވޯލްޑް ކަޕްގައި 104 މެޗެއް ކުޅެވިގެންދާނެ އެވެ.
ވޯލްޑް ކަޕް 2026 ގެ މެޗުގައި 16 ސިޓީއެއްގައި ކުޅެވޭ އިރު، މިފަހަރުގެ ވޯލްޑް ކަޕަށް މޫސުމީ މައްސަލަތައް ދިމާވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެއީ އެމެރިކާގެ ސަރަހައްދުތަކުގައި މޫސުން ގޯސް ދުވަސް ކޮޅަކާ ވޯލްޑް ކަޕް ދިމާވާތީ އެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕަށް ގުރު ނެގުމަށް ހުކުރު ދުވަހުގެ ރޭ ވޮޝިންޓަންގައި ބޭއްވި ހާއްސަ އިވެންޓް ފަރުމާކޮށްފައި ވަނީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާއްސަ ކޮށްގެންނެވެ. ސިޔާސީ ކުލަ ޖެހިފައިވާ އިވެންޓްގެ ތެރެއިން ޓްރަމްޕަށް ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް ވެސް އަރުވާފައިވެ އެވެ.
ރޭގެ ހަފުލާގެ ކުރިން އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތީމް ލަވަ، ނެސުން ޑޮރްމާ، އަންދްރޭ ބޮސެލީ ހުށަހަޅައިދީފައިވާ އިރު، އިތުރު ހުށަހެޅުންތައް ވެސް ފެނިގެން ގޮސްފައިވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގުރަށް ބަދަލެއް ވެސް ގެނެސްފައިވެ އެވެ. އެގޮތުން މިވަގުތު ދުނިޔޭ ރޭންކިންގެ އެންމެ ގަދަ ހަތަރު ޓީމަށް ހާއްސަ ކަމެއް ދީ، މުބާރާތުގެ ނޮކްއައުޓް ފުރަތަމަ ކޮޅުގައި ވާދަކުރަން ނުޖެހޭނެ ގޮތެއް ހޯދަން ފީފާއިން ވަނީ ސިސްޓަމް ބަދަލުކޮށްފަ އެވެ.
މިރޭ ގުރު ނަގާފައި ވަނީ ދުނިޔޭގެ އެއްވަނާގައި އޮތް ސްޕެއިނާއި ދެވަނާ ގައި އޮތް ދުނިޔޭ ޗެމްޕިއަން އާޖެންޓީނާ ދެ ފަޅީގެ ދެ ގްރޫޕަށް ލައިގެންނެވެ. އަދި ހަމައެހެން ތިންވަނައިގައި އޮތް ފްރާންސާއި ހަތަރު ވަނައިގައި އޮތް އިންގްލެންޑަށް ވެސް ގުރު ނެގުމުގައި އަމަލު ކޮށްފައި ވަނީ އެ އުސޫލުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕް ގުރުވެސް ހަތަރު ޕޮޓަކަށް ބަހާލައިގެން ނަގާއިރު، ޓީމުތައް ސީޑް ކޮށްފައި ވަނީ ރޭންކިންނަށް ބަލައިގެންނެވެ. އަދި ކޮލިފިކޭޝަން ނުނިމޭތީ، ގުރު ނެގި އިރު، ކޮލިފިކޭޝަން ޔަގީންވެފައި އޮތީ 42 ގައުމަކަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕްތައް:
- ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ދެކުނު ކޮރެޔާ، ޔޫއޭފާ ފްލޭއޯފް ޑީގެ ޗެމްޕިއަން
- ގްރޫޕް ބީ: ކެނެޑާ، ޔޫއޭފާ ފްލޭއޯފް ބޭގެ ޗެމްޕިއަން، ގަތަރު އަދި ސްވިޒަލޭންޑް
- ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހައިޓީ، ސްކޮޓްލޭންޑް
- ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިޔާ، ޔޫއޭފާ ފްލޭއޯފް ސީގެ ޗެމްޕިއަން
- ގްރޫޕް އީ: ޖަރުމަނު، ކުރަކާއޯ، އައިވަރީކޯސްޓް، އިކުއެޑޯ
- ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، ޔޫއޭފާ ފްލޭއޯފް ބީގެ ޗެމްޕިއަން އަދި ޓިއުނީޝިއާ
- ގްރޫޕް ޖީ: ބެލްޖިއަމް، މިސުރު، އިރާން، ނިއުޒީލޭންޑް
- ގްރޫޕް އެޗް: ސްޕޭން، ކޭޕްވާޑޭ، ސައޫދީ އަރަބިއާ، އުރުގުއޭ
- ގްރޫޕް އައި: ފްރާންސް، ސެނަގާލް، ފީފާ ޕްލޭއޯފް 2 ގެ ޗެމްޕިއަން، އަދި ނޯވޭ
- ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
- ގްރޫޕް ކޭ: ޕޯޗުގަލް، ފީފާ ޕްލޭއޯފް 1 ގެ ޗެމްޕިއަން، އުޒުބަކިސްތާން، ކޮލަމްބިއާ
- ގްރޫޕް އެލް: އިންގްލޭންޑް، ކްރޮއޭޝިޔާ، ގާނާ އަދި ޕެނަމާ
މި ގްރޫޕްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އިނގިރޭސީން ހިމެނޭ ގްރޫޕެވެ. 2018 ވަނަ އަހަރުގެ މުބާރާތް އިނގިރޭސިން ފެށީ ޕެނަމާ ކޮޅަށް ހަ ލަނޑު ޖަހައިގެންނެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ ގްރޫޕަކީ ބްރެޒިލާއި މޮރޮކޯ އާއި ސްކޮޓްލޭންޑް ހިމެނޭ ގްރޫޕެވެ. މި ތިން ގައުމު 1998ގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނީ އެއް ގްރޫޕެއްގަ އެވެ. ފްރާންސާއި ސެނަގާލްގެ ހަނދާން އެންމެ ގިނަ ބަޔަކު ހުންނާނީ 2002ގެ ވޯލްޑް ކަޕުންނެވެ.
ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި އައިސް ފްރާންސް ފުރަތަމަ ބުރުން ކެޓީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސެނަގާލް އަތުން ބަލިވުމަށްފަހު އެވެ. މެކްސިކޯ އާއި ދެކުނު ކޮރެޔާ 2018ގައި ވެސް ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. މިހެންވެ މިއީ ކުރީގެ ހަނދާންތަކާއެކު ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗަކީ މެކްސިކޯއާއި ދެކުނު އެފްރިކާ ވާދަކުރާ މެޗެވެ. އެމެޗު އޮންނާނީ ތާރީހީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގަ އެވެ.
ޑްރަގްގެ ބޮޑުންގެ ތެރޭގައި އެސްޕީޑީއެއް!
ޖަނަވާރަކަށް އަނިޔާ ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިނަމާ ކުރަނީ