ރޯދަވީއްލަން ދިނީ ތިން އޮށް ކަދުރާއި މިލްކް ޕެކެޓަކާއި ފިނިނުކުރާ ފެންފުޅި އެކެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި ދުވާލަކު ދިހަ ގަޑިއެއްހާއިރު މަސައްކަތްކުރާ މުވައްޒަފަކަށް ރޯދަ ވީއްލަން ފޮނުވި ކާއެއްޗިއްސެވެ.

"ކަލޭމެން ބުނާނެ އެކްސިޑެންޓްތައް ހިނގާ ވާހަކަ. ހެނދުނު ފަތިހު ޑިއުޓީއަށް ނުކުންނަ މީހާއަށް ގެއަށް ދެވެނީ އިރުއޮއްސޭ ފަހުން. މިހެން ކިހާ ދުވަހަކު މަސައްކަތްކުރަންވީ؟" ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ އެ މުވައްޒަފު ޝަކުވާ ބަންޑުންކޮށްލި އެވެ.

އެއާޕޯޓުގައި އެންމެ ބިޒީ އެއް ބަޔަކީ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މަތިންދާބޯޓަށް މުދާ އަރުވާ ބޭލުމާއި އޭޕްރަންމަތީގައި މަތިންދާބޯޓަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދޭނީ އެ މީހުންނެވެ. މީގެ ތެރޭގައި ވެހިކަލް ދުއްވާ މީހުން ވެސް ހިމެނެ އެވެ.

އެއާޕޯޓުގެ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ރޯދަމަހު ރޯދަ ވީއްލަން ދިން ކާތަކެތި.

ކޮވިޑާ ގުޅިގެން ވެލާނާ އެއާޕޯޓުގެ މަސައްކަތުގެ މާހައުލު ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ. މަސައްކަތްކުރާ ގިނަ މުވައްޒަފުންނަށް މަހެއްވާއިރު ވެސް ޗުއްޓީ ދުވަހެއް ނުލިބެ އެވެ. ދެ އަހަރުވެގެންދާއިރު ގިނަ މުވައްޒަފުންނަށް ޔުނިފޯމެއް ވެސް ނުލިބެ އެވެ.

"ދުވާލު ހަތަރުދަމު މަސައްކަތްކުރަން ޖެހޭ. އޮފް ދުވަސް ނުލިބި މަހެއް ވެސް އެބަދޭ،" އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.

ކަލޭމެން ބުނާނެ އެކްސިޑެންޓްތައް ހިނގާ ވާހަކަ. ހެނދުނު ފަތިހު ޑިއުޓީއަށް ނުކުންނަ މީހާއަށް ގެއަށް ދެވެނީ އިރުއޮއްސޭ ފަހުން. މިހެން ކިހާ ދުވަހަކު މަސައްކަތްކުރަންވީ؟
އެއާޕޯޓުގެ މުވައްޒަފެއް

އެ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ދުވާލަކު އަށްގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރުވާފައި އިތުރުގަޑީގެ ފައިސާ ނުދިނުމެވެ.

"އޯޓީއެއް ނުދޭ ކޮވިޑަށް ފަހު އަލުން އެއާޕޯޓު ހުޅުވިފަހުން. ނަމަވެސް މިހާރު ކޮންމެ ދުވަހަކު 100ރ. ޑިއުޓީއަށް ނުކުންނަ ކޮންމެ މުވައްޒަފަކަށްދެނީ،" އޭނާ ބުންޏެވެ.

އާދަވެގެން ކޮންމެ އަހަރެއްގެ ރޯދަމަހު ކޮންމެ މުވައްޒަފަކަށް މަސްދަޅު ކޭހެއް ދޭ އުސޫލުން މިއަހަރު ވެސް މަސް ދަޅު ކޭސް ބެހި އެވެ. އޭގެ ތެރޭގައި ބިދޭސީއެއް ދޭސީއެއް ތަފާތެއް ނެތެވެ.

"މަސްދަޅު ކޭހެއް މިފަހަރު ވެސް ދިން. މިތާ ރޯދަ ނުހިފާ ބޭރު މީހުންނަށް ވެސް ބެހި، އެކަމަކު 12 ގަޑިއިރު ޑިއުޓީކުރީމަ އޯޓީއެއް ނުދެވޭ،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި އެ މުވައްޒަފު ބުންޏެވެ.

އެއާޕޯޓުގައި ފަސިންޖަރުން އުފުލަން ބޭނުންކުރާ ވެހިކަލެއް އެކްސިޑެންޓްވެ ފުނޑުފުނޑުވެފައި.

އޭނާ ބުނީ ފަހަކަށް އައިސް މުޅި ޑިޕާޓްމަންޓްގެ މަސައްކަތްތައް ވަނީ ބޮއްސުންލައިފަ އެވެ. މުވައްޒަފުންގެ ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަކަށްވާއިރު މިދިޔަ މަސް ދުވަހުގެ ތެރޭގައި ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

"ގިނަ މީހުން މިތިބެނީ މަސައްކަތް ކޮށްކޮށް ވަރުބަލިވެފައި. އިއްޔެ ސްރީލަންކަން ބޯޓެއްގެ ފިޔަގަނޑުގައި ސިޑިއަކުން ޖެހުމުގެ ހާދިސާ ހިނގިއިރު އެފަދަ އެތައް ހާދިސާއެއް ހިނގާފައި އެބަހުރި،" އޭނާ ބުންޏެވެ.

"ހުރިހާ"އާ ވާހަކަދެއްކި އެ މުވައްޒަފު ބުނީ މިދިޔަ މަސް ދުވަހުގެ ތެރޭގައި ބޯޓު ދަމާ ވެހިކަލެއް ތެޔޮ ލޮރީއެއްގައި ޖެހުމާއި ފަސިންޖަރުން އުފުލާ ބަހެއް ހޮޅި ދަނޑިއެއްގައި ޖެހި ފުނޑުފުނޑުވެފައިވާ ކަމަށެވެ.

މިހާރު މިތަނުގައި މަސައްކަތްކުރުވުމުގައި އެއްވެސް އުސޫލެއް ނޯވޭ. މިކަންކަން ހައްލުކުރެވޭނީ މިތަނުގެ ހިންގުން ރަނގަޅުކޮށްގެން،
އެއާޕޯޓުގެ މުވައްޒަފެއް

"މިހާރު މިތަނުގައި މަސައްކަތްކުރުވުމުގައި އެއްވެސް އުސޫލެއް ނޯވޭ. މިކަންކަން ހައްލުކުރެވޭނީ މިތަނުގެ ހިންގުން ރަނގަޅުކޮށްގެން،" އެ މީހާ ބުންޏެވެ.

އެއާޕޯޓުގައި ފަސިންޖަރުން އުފުލަން ބޭނުންކުރާ ވެހިކަލެއް އެކްސިޑެންޓްވެ ފުނޑުފުނޑުވެފައި.

އެ އެއާޕޯޓުގެ ރޭމްޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތައް ފުނިޖެހިފައި ވަނިކޮށް އިއްޔެ ވަނީ ސްރީލަންކަން އެއާލައިންސް މަތިންދާބޯޓެއް ފިޔަގަނޑުގައި ސިޑިއަކުން ޖެހި ވަރަށް ބޮޑު ގެއްލުމެއް ލިބިފަ އެވެ. އެ ހާދިސާއަށްފަހު އެ ބޯޓު އަދިވެސް އޮތީ ގްރައުންޑްކޮށްފަ އެވެ.

މުވައްޒަފުންގެ ޝަކުވާތަކަށް އެމްއޭސީއެލް އިން މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފް މިއަދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް ކަމޭ ހިތާ ކަމަށެވެ. އެއަށް ވުރެ އިތުރު އެއްޗެއް ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވި އެވެ.