ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ބާ ކައުންސިލުން މިފަދައިން އެދުނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ޝަރީއަތުގެ މަޖިލީހެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ގާޒީ އަލީ އާދަމް ވަނީ ފާހަގަކުރައްވާފަ އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ހުކުމާ ގުޅިގެން މީޑިއާގައި ހަބަރު ފަތުރާފައިވާ ގޮތުން، އިބާރާތް ރައްދުވުން ފުޅާވެ ދިފާއީ ވަކީލުންނާ މެދު މުޖުތަމައުގައި ނުރަނގަޅު ތަސައްވުރެއް އުފެދި، ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލުތަކެއް ހިންގާ ބައެއްގެ ގޮތުގައި ސިފަކުރެވުމަކީ އަދުލު އިންސާފުގެ ނިޒާމަށާއި ގާނޫނީ ފަންނަށް އާންމުންގެ އޮންނަ އިތުބާރަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
އެ ހުކުމާ ގުޅިގެން ބާ ކައުންސިލްގެ ކަންބޮޑުވުންތައް ކްރިމިނަލް ކޯޓާ ހިއްސާކޮށްފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ވަކީލުންނަށް ނިސްބަތްކޮށް އެ ވަކީލުންނަކީ ކުށްވެރިން ކަމަށް ދޭހަވާ ގޮތަށް ހެއްކަކާ ނުލާ ތުހުމަތު ރައްދުކުރުން ބާ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.
ބާ ކައުންސިލުން ބުނީ ވަކީލުންނާ ގުޅޭ ސުލޫކީ މައްސަލަތައް އެ ކައުންސިލަށް ހުށަހެޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި މިހާރު ވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
ކަރަންޓުގައި ޖެހުނު ސްޓެލްކޯގެ މުވައްޒަފު މަރުވެއްޖެ
ޖުވާ ކުޅުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން އިސްލާހެއް
