އަހަރުމެން ދިވެހިންނަކީ ގިނަ އަދަދަކަށް ދަތުރުކުރާ ބައެކެވެ. އެއީ އާއްމު ގޮތެއްގައި ގިނަ ހަރަދުތަކެއް ހިނގާ ކަމެއް ނަމަވެސް ދަތުރު ފަތުރު ކުރުމުގައި ހަރަދު ކުޑަ ކުރެވިދާނެ ގޮތްތައް ހުރެ އެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ގައުމުން ބޭރަށް ދަތުރެއް ކުރާނަމަ އެ ދަތުރުގައި ކުރާ ހަރަދުތައް ކުޑަ ކުރަން ކުރެވިދާނެ ވަރަށް ފަސޭހަ ދެތިން ކަމަކަށެވެ.
އޮފް ސީޒަންގައި ދަތުރު ކުރުން
ކޮންމެ ގައުމަކަށް ވެސް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިއާރަތްކުރާ ދުވަސްވަރެއް ވާނެ އެވެ. ގިނަ ގައުމުތަކަށް ޕީކް ސީޒަންއަކީ ޑިސެމްބަރުން ފެށިގެން މާޗް މަހާ ހަމައަށެވެ. މި މުއްދަތުގައި އާއްމުކޮށް އެގައުމުގެ ހުރިހާ ކަމެއް އާއްމުކޮށް އަގުބޮޑުކޮށް ހުންނައިރު އެ ނޫން މަސްތަކުގައި އަގުތައް ދަށްވާނެ އެވެ.
ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުން
ޓެކްސީއާއި ކާރު ރެންޓަލްސްއަކީ އާއްމު ގޮތެއްގައި އަގުބޮޑު ގޮތަކަށް ވާއިރު އޭގެ ބަދަލުގައި އެ ގައުމުގައި ހުރި ބަސް ނުވަތަ ރޭލު ދަތުރުތަކުގެ ބޭނުން ހިފުމަކީ ދަތުރު ފަތުރަށް ހޭދަވާ ހަރަދު ބޮޑުތަނުން ކުޑަވާނެ ކަމެކެވެ.
ޓްރެވަލް އިންޝުއަރެންސް ނެެގުން
ދަތުރެއްގައި އުޅޭއިރު ނޭނގި ނަމަވެސް ކުއްލި ކަމެއް ދިމާވެދާނެ އެވެ. އެފަދަ ހާލަތަށް ތައްޔާރު ނުވެ ހުރެއްޖެނަމަ އަތުން ބޮޑެތި ހަރަދުތަކެއް ހިނގާނެ އެވެެ. އެހެން ކަމުން އެފަދަ ކަންކަމުން ރައްކާތެރި ވުމަށްޓަކައި ޓްރެވަލް އިންޝުއަރެންސް ވަރަށް މުހިއްމެވެ.
ލޯކަލް ރެސްޓޯރެންޓްތައް ހިޔާރު ކުރުން
ކޮންމެ ގައުމެއްގައި ވެސް ފަސްތަރީގެ ރެސްޓޯރެންޓުތައް ހުންނާނެ އެވެ. އެހެން ނަމަވެސް އެ ގައުމެއްގެ ރައްޔިތުން ހިންގާ ލޯކަލް ރެސްޓޯރެންޓްތަކުން ކެއުމަށް އިންސާފު ކުރުމަކީ ހަރަދުކުޑަ ވުމުގެ އިތުރުން ވެސް ދަތުރުގެ ތަޖުރިބާ ފުރިހަމަ ކޮށްދޭނެ ކަމެކެވެ.
އެޕާޓްމަންޓެއް ކުއްޔަށް ހިފުން
ހޮޓެލްތަކުގައި ހުރުމުގެ ބަދަލުގައި އެޕާޓްމަންޓެއް ކުއްޔަށް ހިފުމަކީ ނިސްބަތުން އަގުހެޔޮ ގޮތެކެވެ. އަމިއްލައަށް ކައްކާ ކެވޭ ގޮތަށް ހުންނަ މި ތަންތަނުގައި އުޅޭ ނަމަ ގެއިން ބޭރުން ކާން ހޭދަވާ ހަރަދު ވެސް ކުޑަ ކުރެވޭނެ އެވެ.