ވިހި ގައުމަކުން ސައޫދީ އަރަބިއާ އަށް އެތެރެވުން މަނާވެފައި އޮތް އޮތުން، އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ސައޫދީ އެއާލައިނުން ބުނެފި އެވެ.

ސައޫދީ އަރަބިއާ އިން ވަނީ ފާއިތުވެ ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތައް އެކުލެވޭ ގޮތަށް ގިނަ ގައުމުތަކަކުން އެގައުމަށް އެތެރެވުމާއި ޓްރާންސިޓް ވުން މަނާކޮށްފަ އެވެ. މި އުސޫލު 17 މެއިގައި ހަމަވާއިރު، ސައޫދީ ސަރުކާރުން ވަނީ އޭގެ ތެރެއިން ބައެއް ގައުމުތަކަށް އެ އުސޫލު ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

އެގޮތުން ދަތުރުކުރުން މަނާކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، މިސްރު، އިންޑިއާ، ޖާމަނީގެ އިތުރުން އެމެރިކާ ވެސް ހިމެނޭކަމަށް ސައޫދީގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ޓްވިޓާގައި އާއްމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެ މިނިސްޓްރީން ބުނީ މިއީ ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ސައޫދީ އަރަބިއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު އެވްރެޖްކޮށް 1000 އަށްވުރެ ގިނަ އެވެ. -- ރޮއިޓާސް