އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިހާރު އިންޑިއާ އަށް ކުރަމުންދާ ދަތުރު އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ފުލުހުން މެސީގެ ގޯޓް ޓުއާ އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށްފައިވަނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި 80،000 ޓިކެޓް ވިއްކައިގެން އިއްޔެ ބޭއްވި ހަރަކާތުގެ އިންތިޒާމް ދަށްވެ ބޮޑު އަގުގައި ޓިކެޓް ގަނެގެން ދަނޑަށް ވަން ފަރާތްތަކުން ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.

އިންޑިއާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިވެންޓް އިންތިޒާމް ކުރި ފަރާތް ހައްޔަރުކޮށް ބަލަންޖެހޭ ކަންކަން ދަނީ ބަލުމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރޭވިގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމަށް ދިޔަ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ މެސީ ސްޓޭޑިއަމްގައި ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްފައިވާއިރު, މެސީގެ ވަށައިގެން އިންޑިއާގެ ސިޔާސީ ފަރާތްތަކާއި އަދި ނުފޫޒުގަދަ އެހެން ފަރާތްތައް ތިބުމުން ސަޕޯޓަރުންނަށް މެސީ ފެނިފައިނުވާކަމަށްބުނެ އެވެ.

ދަނޑަށް ވަން މީހުން ވަނީ ދަނޑަށް ފުޅި ފަދަ ތަކެތި އުކުމުގެ އިތުރުން ސްޓޭޑިއަމްގައި ގޮނޑިތަކަށް ގެއްލުން ދީ، ސްޓޭޑިއަމްގެ ތެރެއަށް ގޮނޑިތައް ވެސް އުކާފައި އެވެ.

މެސީ އިންޑިއާ އަށް ކުރަމުންދާ ދަތުރުގައި އޭނާ އާއެކު އިންޓާ މަޔާމީގެ ލުއިސް ސުއަރޭޒް އާއި ރޮޑްރިގޯ ޑިޕޯލް ދަނީ ބައިވެރިވަމުންނެވެ. އަދި މި ދަތުރުގައި އިންޑިއާގެ ކޮލްކަތާ އާއި ހައިދަރު އާބާދާއި މުމްބާއީގެ އިތުރުން ނިއު ދިއްލީ އަށް މެސީ ދާނެ އެވެ.