އެމްއެންއެސްއެލްގެ ދެ ކޮއްޓަކީ ވެސް ވަރަށް ގިނަ ދުވަސްވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ތަންތަން. މި ދެތަން ތަޅާލައި އަލުން އިމާރާތްކުރައްވާނެ ކަމަށް ރައީސް ސޯލިހު ދާދިފަހުން ވިދާޅުވި.

އެމްއެންއެސްއެލްގެ ފްލެޓްތައް އަޅާފައިވާ ދެ ކޮއްޓެއް ތަޅާލައި، 14 ބުރީގެ ފްލެޓުތަކެއް އަޅަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ދެ ސަރަހައްދެއްގައި ފްލެޓްތަކެއް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުލެޓްތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މާލެ ބްލޮކް ނަމްބަރު 307 އަދި 319 ކަމަށް އެކުންފުނިން ބުނެ އެވެ. މި ދެ ކޮށީގެ ތެރެއިން 307 ނަމްބަރު ކޮއްޓަކީ އެމްއެންއެސްއެލްގެ ފްޅެޓްތައް އަޅާފައިވާ ކޮޓެވެ. އަދި 319 ނަމްބަރު ކޮއްޓަކީ ވެސް އަމީނީ މަގަށްވާ ގޮތަށް އެމްއެންއެސްއެލް ފްލެޓްތައް އަޅާފައިވާ ކޮއްޓެވެ.

އެގޮތުން މާލެ ބްލޮކް ނަމްބަރު 307 ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. އަދި މާލޭ ބްލޮކް ނަމްބަރު 319 ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ. މީގެ ތެރެއިން 307 ވަނަ ނަމްބަރު ކޮށީގައި ހެޕީ މާކެޓްގެ އޮފީހާއި ގުދަންތަކެއް ވެސް ހުރެ އެވެ.

4.172355, 73.504363

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫޢުއަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނެ ކަމަށާއި އެހެން ނަމަވެސް ކޮންމެ މަޝްރޫއުއަށް ހުށަހަޅަންވާނީ ވަކި ޕްރޮޕޯސަލެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ.

4.172366, 73.503999

މި ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ފަށައިފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ޓީވީ ކޮށި ހުރި ތަނުގައި ފްލެޓް އަޅަން އަމިއްލަ ކުންފުނިތަކަކަށް ބިން ދީގެން އެޅި ފްލެޓްތައް ބޮޑު އަގުގައި ވިއްކާފައިވެ އެވެ. މީގެ އިތުރު ގާކޮށްޓާއި އަރަބިއްޔާ ހުރި ތަނުގައި ފްލެޓް އަޅަން އިންޑިއާގެ ކުންފުންޏަކަށް ދީގެން ފްލެޓްތަކެއް އެޅި އެވެ.